ޚަބަރު

ފްލައިން ސްކޫލުގެ ބޯޓު ކަނޑުގެ އަޑިން ނަގައިފި


މިދިޔަ ހަފްތާގެ ހުކުރު ދުވަހު ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ކައިރިއަށް ކަނޑަށް ވެއްޓުނު އައްޑޫ ފްލައިން ސްކޫލުގެ މަތިންދާ ބޯޓު ނަގައިފިއެވެ.

މިބޯޓު ނަގާފައިމިވަނީ 'ލިއޯ ޓްރޭޑިންގް' ކިޔާ ކުންފުންޏެއްގެ އެހީތެރިކަމާއެކުއެވެ. އެމްއެންޑީއެފުން ބުނީ މިބޯޓު ނަގާފައިވަނީ ކަނޑުގެ 8.6 މީޓަރު އަޑިންކަމަށެވެ. މި ބޯޓު މިއަދު މެނދުރެއްހާއިރު ކަނޑުގެ އަޑިން ނަގާފައިވާއިރު، ބޯޓަށް އެކިވަރުގެ ގެއްލުން ވެފައިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ފްލައިން ސްކޫލު ހިންގުމާއި ހަވާލުވެ ހުންނެވި ކެޕްޓަން ސުރަންޖަން ޑި ސިލްވާ ވިދާޅުވީ، ކަނޑުގެ އަޑިން ބޯޓު ނެގުން ލަސްވީ މޫސުން ގޯސްވުމާއެކު އެ މަސައްކަތް ކުރުމުގައި ދަތިތަކެއް ދިމާވުމުންކަމަށެވެ. އޭނާ ވިދާޅުވީ ބޯޓު ނެގިއިރު ފްލައިން ސްކޫލުގެ މުވައްޒަފުން ތިބި ނަމަވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ބޯޓަށް ވެފައިވާކަމަށެވެ.

ހުކުރު ދުވަހު ހަވީރު ހިނގި މިހާދިސާގައި ބޯޓު ވެއްޓުނުއިރު، އޭގައި ތިބީ ފްލައިން ސްކޫލުގެ އައްޑޫސިޓީ މަރަދޫއަށް ނިސްބަތްވާ އަންހެން ދަރިވަރަކާއި، އޭނާގެ އިންސްޓްރަކްޓަrރެވެ. މިހާދިސާގައި އެ ދެމީހުންނަށް ވެސް އެއްވެސް ކަހަލަ އަނިޔާއެއް ނުވެ ވަނީ ސަލާމަތްވެފައެވެ. އެ ދެމީހުން ސަލާމަތްކޮށްފައިވަނީ އެސަރަހައްދުގައި އެވަގުތު އޮތް ޑައިވިންގް ދޯންޏަކުންނެވެ.

ފްލައިން ސްކޫލުން ބުނީ އެ ބޯޓު މޫދަށް ވެއްޓުނީ ނޫންކަމަށާ، ބޯޓުގެ އިންޖީނު ފެއިލްވުމުން އެއަރޕޯޓާއި ހަމައަށް ނުދެވޭނެކަން ޔަޤީންވުމުން ކޮންޓްރޯލް ކޮށްގެން ގޮސް މޫދަށް ޖެއްސީކަމަށެވެ. ސިވިލް އެވިއޭޝަނުން ދަނީ މި ހާދިސާތަހުޤީގު ކުރަމުންނެވެ.