ޚަބަރު

ރިންގް ރޯޑްގައި އަޅާ ހޮޅިތަކަކީ ވަގުތީގޮތުން އަޅާ ހޮޅިތަކެއް - ސިޓީ ކައުންސިލް


ދަރުބާރުގެ ކައިރިން މާލޭގެ ވަށަމަގުގައި އަޅާފައިވާ ފެންހިންދާ ހޮޅިތަކަކީ ވަގުތީގޮތުން އަޅާފައިވާ ހޮޅިތަކެއްކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ މިހޮޅިތަކަކަކީ ސްޓެލްކޯއިން ހިންގާ މަޝްރޫޢަކަށް އަޅާ ހޮޅިތަކެއްކަމަށެވެ.

ދަރުބާރުގެ ކައިރިން މާލޭގެ ވަށަމަގުގައި އަޅާފައިވާ ފެންހިންދާ ހޮޅިތަކާބެހޭގޮތުން ސްޓެލްކޯއިން ވިދާޅުވީ، އެހޮޅިތަކަކީ އެކުންފުނިން ކުރިއަށްގެންދާ "މާލެއާއި ހުޅުމާލެ އިންޓަރކަނެޝަން" މަޝްރޫޢުގެ ސަބްސްޓޭޝަން މަލޭގައި ހެދުމަށްކުރާ ބައެއް ޢުމްރާނީ މަސައްކަތްތަކުގެ ބޭނުމަށް އަޅާ ހޮޅިތަކެއްކަމަށެވެ. މިގޮތަށް އަޅާ ހޮޅިތަކަކީ ޢިމާރާތްކުރާ ތަންތަނުންނާއި ކޮންނަ ތަންތަނުނުގައި އުފެދޭ ފެން މޫދަށް ބޭރުކުރުމަށް އަޅާ ހޮޅިތަކެކެވެ.

މާލޭ ރިންގް ރޯޑްގެ ބޮޑު ސަރަޙައްދެއްގައި ތާރު އަޅައިގެން ހަދާފައިވުމުން، ތާރުގަނޑު ކަނޑައިގެން ހޮޅި އެޅުމުގެ ބަދަލުގައި މިހާރު ކޮންސްޓަރކްޝަން ސައިޓްތަކުން ފެން ހިންދުމަށް ބޭނުންކުރާ ހޮޅިތައް އަޅަނީ ތާރު މަތިން ހޮޅި އަޅައިގެންނެވެ. އަދި ހޮޅިތަކުގެ މަތިން އުޅަނދުތަކަށް ދުއްވޭގޮތަށް ބޮޑު ބަންޕަރެއް ހަދައިގެނެނެވެ.

ސްޓެލްކޯއިން އަޅާ 2 ހޮޅީގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ އިތުރު 2 ސަރަޙައްދުގައި ފެން ހިންދާ ހޮޅި އަޅާފައިވެއެވެ. އެއީ ވިލާކޮލެއްޖް ކައިރިއާއި އެފްއެސްއެމް ފިއުލް ސްޓޭޝަން ކައިރީގައެވެ. މިގޮތަށް ފެން ހިންދާ ހޮޅި އަޅަނީ ސިޓީ ކައުންސިލްގެ ޚާއްސަ ހުއްދައަކާއެކު ވަކި މުއްދަތަކަށެވެ. ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ވިދާޅުވީ މިގޮތަށް ހޮޅި އަޅާފައި ބެހެއްޓުމުގެ ހުއްދަ ދެނީ 30 ދުވަހަށް ކަމަށެވެ. ނަމަވެސް ބައެއް ސަރަޙައްދުތަކުގައި ހޮޅިތައް ނުނެގި ގިނަދުވަސްވަނީ ކޮންޓްރެކްޓަރު މަސައްކަތް ނިންމުމުގައި ލަސްވާތީކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ކޮންސްޓްރަކްޝަން ސައިޓްތަކުން ފެން ހިންދުމަށް އަޅާ ހޮޅިތައް މާލޭގެ މަގުތަކުގައި ގިނަދުވަހު ނުނަގާ ހުންނަ މަސައްލައަކީ ރައްޔިތުންގެ ޝަކުވާވެސް އަންނަ މަސައްލައެކެވެ. ދުވާރުތަކާއި ގޭގެއަށް ވަންނަން އުނދަގޫވާގޮތަށްވެސް މަގުތައްމަތީ ހޮޅިތައް އަޅާފައި ބަހައްޓާފައި ހުރެއެވެ.

މިފަދަ ޝަކުވާތައް އިތުރުވުމުގެ ސަބަބުން ސިޓީ ކައުންސިލުން ދާދިފަހުން ވަނީ މިގޮތަށް ބޭނުންނުކޮށްހުރި ގިނަ ހޮޅިތަކެއް، ކުންފުނިތަކަށް އަންގައިގެން ނަގާފައެވެ. ކައުންސިލުން ބުނެފައިވަނީ މިގޮތަށް އަޅާ ހޮޅިތަކުގައި ކުންފުނިތަކުގެ ލޭބަލް ނުޖަހާ ހުރުމަކީވެސް ހޮޅިތައް ނަގަން އެންގުމުގައި ދަތިވާ ކަމެއް ކަމަށެވެ.