ވިޔަފާރި

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވަނީ


މިއަހަރުގެ ފުރަތަމަ 6 މަސްދުވަސް ނިމުނު އިރު ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އެގާރަ ހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

މެދު އިރުމަތީގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ދަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކީ ސައުދީ އަރަބިއްޔާއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް 15ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އެޤައުމުންނެވެ.

އެގޮތުން މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އެގާރަ ހާސް ހަ ސަތޭކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ހުސްވި އަހަރުގެ ޖޫންމަހުގެ ނިޔަލަށް އެޤައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ދިހަހާސް އެއް ސަތޭކަ ފަތުރުވެރިންނާއި އަޅާ ބަލާއިރު 15 އިންސައްތަ އިތުރު އަދަދެކެވެ.

މެދު އިރުމަތީގެ ޤައުމުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޔުނައިޑެޓް އަރަބް އެމިރޭޓްސް، ޔޫ.އޭ.އީ އިންނެވެ. މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް އެޤައުމުން ރާއްޖެއަށް ވަނީ ތިންހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ތިންވަނަ އަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ކުވައިތުންނެވެ. މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ކުވައިތުން ރާއްޖެއަށް ތިން ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، މިއީ ހުސްވި އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 20 އިންސައްތަ އިތުރު އަދަދެކެވެ.