ޚަބަރު

19ވަނަ މަޖިލީހުން އެކުލަވާލާ ކޮމިޝަންތައް ފެއިލްވާކަށް ބޭނުމެއްނޫން - އާޒިމް


19ވަނަ ރައްޔިތުންގެ މަޖިލީހުން އެކުލަވާލާ ކޮމިޝަންތައް ފެއިލްވާން ބޭނުންނުވާކަމަށާ، މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދަންވާނީ އެގޮތަށް ވިސްނުން ބަހައްޓައިގެންކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މިނިވަން މުވައްސަސާތަކަށް މެމްބަރުން ކަނޑައެޅުމަށް މަޖިލީހުން އަދާކުރަންޖެހޭ ޒިންމާތަކާގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޢަލީ އާޒިމް ވިދާޅުވީ، ކޮމިޝަންތަކަށް މެމްބަރުން ކަޑައެޅުމުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައަޅަންޖެހޭކަމަށެވެ. އަދި ފާއިތުވެދިޔަ ތަނުގައި މިނިވަން މުވައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގައި ހަރުދަނާ އުސޫލެއް ނެތުމަކީ މުހިންމު ކޮމިޝަންތައް ފެއިލް ވަމުންދިޔަ އެއްސަބަބުކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މަޖިލީހުގެ ބޮޑުމެޖޯރިޓީއެއް އޮވެ އެކުލަވާލާ ކޮމިޝަންތަކަކީ ޒިންމާދާރު، ހަރުދަނާ މަސައްކަތްތަކެއް ކުރާނެ ބަޔަކަށް ހެދުމަށް ވަރަށްބޮޑަށް މަސައްކަތް ކުރައްވާނެކަމަށެވެ.

ފާއިތުވެދިޔަ 10 އަހަރުދުވަހުގެ ތެރޭގައި މިނިވަން މުވައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލި ފެއިލްވާން ދިމާވި އެންމެބޮޑު އެއްސަބަބަކީ ކޮމިޝަންތަކަށް ކަޑައަޅާ ފަރާތްތަކުގެ ހަރުދަނާ އުސޫލެއް ނެތުންކަމަށް އާޒިމް ވިދާޅުވިއެވެ. ކޮމިޝަންތަކަށް މެމްބަރުން ކަނޑައެޅުމުގައި 5 މެމްބަރުން ހިމެނޭ ކޮމިޝަނެއްނަމަ ވަކި ޢަދަދަކަށް ޒުވާން ބޭފުޅުންނާއި ހަރުބޭފުޅުންނާއި އެދާއިރާއެއްގެ ތަޖުރިބާ ލިބިފައިވާ ބޭފުޅުންގެ އިތުރުން އެދާއިރާއަކުން ތަޢުލީމް ޙާސިލްކުރައްވާފައިވާ ބޭފުޅުން ތިއްބަވާގޮތަކަށްކަމަށް އެކަށައެޅުމަކީވެސް ރަގަޅު އުސޫލެއްކަމަށް އާޒިމް ވިދާޅުވިއެވެ.

ކޮމިޝަންތަކަށް މެމްބަރުން ކަނޑައެޅުމުގެ ހަރުދަނާ އުސޫލުތަކެއްނެތުމުން މަޖިލީހުގެ ރައީސްގެ އިސްނެންގެވުމުގެމަތިން އެކުލަވާލަން މަސައްކަތްކުރާ ކޮމިޓީއަކީވެސް ކޮމިޝަންތައް ހަރުދާނާ ގޮތެއްގައި އެކުލަވާލަން ކުރެވޭ މަސައްކަތްޕުޅެއްގެ ގޮތުގައި އާޒިމް ފާހަގަކުރެއްވިއެވެ. މިނިވަން މުވައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގައި މަޖިލީހުގެ ޕާލިމަންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާއި، ކޮމިޓީތަކުގެ މުޤައްރިރުން ހިމެނޭގޮތަކަށް ކޮމިޓީއެއް އެކުލަވާލުމުގެ މަޝްވަރާތަކެއް މަޖިލީހުގައިވަނީ ކޮށްފައިެވެ.