 
										
			މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫގައި ވާރޭފެން ރައްކާކުރުމަށްޓަކައި
ހަންތަކެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.
 
މިދިޔަ ހަފްތާގައި ފެށި މިމަސައްކަތަކީ އެންވަޔަރަމެންޓް މިނިސްޓްރީން
އަމިއްލަ ބަޔަކާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަސައްކަތެއްކަމަށް ކިހާދޫ
ކައުންސިލުން ބުނެއެވެ. 
 
ކިހާދޫ ކައުންސިލްގެ ޑެޕިއުޓީ ޑައިރެކްޓަރ އަބްދުﷲ ނަސީމް ޕަބްލިކް ސާވިސް
މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ފަސްލައްކަ ރުފިޔާގެ ޚަރަދެއްހިނގާ
މިމަސައްކަތުގެ ދަށުން އެރަށުގެ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ފަސްހާސް
ލިޓަރުގެ ދިހަ ހަން ބަހައްޓާ އެސަރަހައްދު ހިޔާކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
 
ނަސީމް ވިދާޅުވީ ހޫނުމޫސުމުގައި މިދިޔަ ދިހަވަރަކަށް އަހަރުވެސް އެރަށަށް
ޑިޒާސްޓާ މެނޭޖުމަންޓްގެ ފަރާތުން ޕްލާންޓްފެން ގެންނަންޖެހުނު ކަމަށެވެ.
އެހެންނަމަވެސް މިޕްރޮޖެކްޓަށްފަހު މިކަމަށް ނިމުމެއް އަންނާނެކަމަށް ނަސީމް
ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަސައްކަތް ކުރިޔަށްދާގޮތަށް ބަލާނަމަ، ރޯދައިގެ
ކުރިން ހަންތައް ބަހައްޓައި ފެންވައިރުއަޅާ ނިމޭވަރުވާނޭކަމަށެވެ.
 
ފަސްސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ
ކިހާދޫގައި ރައްޔިތުންނަށް ވާރޭފެން ފޯރުކޮށްދިނުމަށްޓަކައި މިހާރުވެސް ސަރުކާރުން
ސާޅީސްހާސް ލިޓަރަށްވުރެ ގިނަ ފެން ރައްކާކުރެވޭގޮތަށް ތާންގީ
ބަހައްޓާފައިވާކަމަށް ކިހާދޫ ކައުންސިލުން ބުނެއެވެ.