ކުޅިވަރު

ކުޅުން ހުއްޓާލަން ނިންމި މައިގަނޑު ސަބަބަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދިނުން: ލޯންގޭ


ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި މައިގަނޑު ސަބަބަކީ ރާއްޖޭގައި ތިބި ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް ފުރުސަތުދިނުންކަމަށް ޤައުމީ ވޮލީ ޓީމްގެ އަޙުމަދު އަބްދުލްކަރީމް (ލޯންގޭ) ބުނެފިއެވެ.

އަޙުމަދު އަބްދުލްކަރީމްވަނީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށްފަހު ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައެވެ. ކުޅުން ހުއްޓާލިކަން އިއުލާންކުރުމަށްފަހު އަޙުމަދު އަބްދުލްކަރީމް ބުނީ މިއީ ހުއްޓާލަން އެންމެ ރަނގަޅު ދަނޑިވަޅުކަމަށާއި، ޒުވާން ކުޅުންތެރިންނަށް ފުރުސަތުވެސް ދޭންޖެހޭކަމަށެވެ.

ޤައުމީ ޓީމަށް ރިޓަޔާކުރުން ލަސްކުރީ މައިގަނޑު ސަބަބަކީ މެޑައްޔަކާއިއެކު ނިންމާލަންވެގެންކަމަށާއި، ކުރިއަށް އޮތް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މެޑަލް ހޯދައި ރަނގަޅު ކާމިޔާބީއަކާއިއެކު ރިޓަޔާކުރަން ބޭނުންވާކަމަށް އޭނާ ބުނިއެވެ.

އޭނާ ބުނީ ޝަރަފްވެރިކަމާއިއެކު ރިޓަޔަކުރަން ފުރުސަތު ލިބުމަކީ ލިބުނު ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްކަމަށެވެ. އަދި މި ފުރުސަތު ހޯދައިދިން އެންމެންނަށް އޭނާ ޝުކުރު އަދާކުރިއެވެ.