ކުޅިވަރު

ސްރީލަންކާއާއި ދެކޮޅަށް ރާއްޖޭގެ ކުޅުންތެރިން ދެއްކި ހިތްވަރަށް މިނިސްޓަރ މަޙުލޫފުގެ ތަޢުރީފް!


ސްރީލަންކާ ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ރާއްޖޭގެ ކުޅުންތެރިން ދެއްކި ހިތްވަރަށް މިނިސްޓަރ އަޙުމަދު މަޙުލޫފު ތަޢުރީފްކުރައްވައިފިއެވެ.

ސްރީލަންކާގެ ޤައުމީ ވޮލީބޯޅަ ޓީމާއި ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމް ވާދަކުރި އެކުވެރިކަމުގެ ދެވަނަ މެޗަށްފަހު ވާހަކަދައްކަމުން މިނިސްޓަރ ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަޙުމަދު މަޙުލޫފު ވިދާޅުވީ ލަންކާ ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ދިވެހި ޓީމުން ދެއްކި ހިތްވަރާއި ކުޅުމަށް ތަޢުރީފް ހައްގުކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ލަންކާ އަތުން ސެޓެއް ހޯދައި އަދި ވަރަށް ވާދަވެރިކަމާއިއެކު ސެޓު ނިމުމަކީ ޓީމްގެ ފެންވަރާއި ކުރިއެރުން ފެންނަކަމެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރޭގެ މެޗަކީ ތާރީޚީ މެޗަކަށްވާނެކަމަށާއި، އެއީ ފަހުގެ ތާރީޚެއްގައި އިންޑޯ ހޯލުގައި އެންމެ ގިނަ ސަޕޯޓަރުން ފެނުނު މެޗުކަމަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން ވ.އަތޮޅުންނާއި ރިސޯޓްތަކުން އަދި މާލޭގެ އެކި ރަށްތަކުން މާލެ ނާދެވުނު މީހުން ގިނަނަމަވެސް ހޯލުން އެއްވެސްވަރެއްގެ ފަޅުކަމެއް ނުފެނުނުކަމަށެވެ. އަދި މިރޭ ކުޅޭ އެކުވެރިކަމުގެ ފަހު މެޗުގައި އަތޮޅުތަކުންނާއި ރިސޯޓްތަކުން މީހުން ގެނައުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ކުރިން ދިވެހި ޓީމް ކުޅޭ އެކުވެރިކަމުގެ ފަހު މެޗު މިރޭ ކުޅޭނެއެވެ. މެޗުގެ ޝަރަފްވެރި މެޙުމާނަކީ ނައިބް ރައީސް ފައިސަލް ނަސީމެވެ. މި މެޗު ޕީއެސްއެމްގެ ޓީވީއެމުން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.