ވިޔަފާރި

އިނގިރޭސިވިލާތުގެ މުއްސަނދިންގެ މެދުގައި ރާއްޖެއަށް އޮންނަ މަޤްބޫލްކަން ބޮޑު


މިއަހަރުގެ ފިނި މޫސުމުގައި އިނގިރޭސިވިލާތުގެ މުއްސަނދި ފަތުރުވެރިން ޗުއްޓީ ހޭދަކުރަން ދިޔުމަށް އެންމެ ބޭނުންވާ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް އެޤައުމުގެ ހޮޓެލް ބުކިންގ ވެބްސައިޓަކުން ހާމަކޮށްފިއެވެ.

މަތީ ފަންތީގެ ޙިދުމަތްދޭ ހޮޓެލްތަކާއި އަދި އެފަދަ ދަތުރުތައް އިންތިޒާމްކޮށްދޭ ބުކިންގ ވެބްސައިޓެއް ކަމަށްވާ 'ވަރޗުއާސޯ'އިން ހާމަކުރާ ގޮތުގައި މިއަހަރުގެ ފިނިމޫސުމުގައި އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ ތެރެއިން ހޫނު ގަދަ ޖަޒީރާ މަންޒިލަަކަށް ދާން ބޭނުންވާ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލީ ދިވެހިރާއްޖެއެވެ.

ވަރޗުއާސޯއިން ހާމަކުރާގޮތުގައި އިނގިރޭސިވިލާތުގެ މުއްސަނދި ފަތުރުވެރިން މިހާރު ބޭނުންވަނީ ޗުއްޓީގައި ތަފާތު ތަޖުރިބާތައް ކޮށްލުމަށެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެގޮތުން ރާއްޖެއަށް 5 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އިނގިރޭސިވިލާތުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް އިނގިރޭސިވިލާތުން ރާއްޖެއަށް ފަސް ދޮޅަސް ހަތަރު ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ހުސްވި އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 13 އިންސައްތައިގެ އިތުރުވުމެކެވެ.