ޚަބަރު

މިހާރު ކުރަމުންދާ ވިއްސާރާގައި ލިބިފައިވާ ގެއްލުން، ނިސްބަތުން ބޮޑު - އެންޑީއެމްއޭ


މިހާރު ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި، ނިސްބަތުން ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ނެޝަނަލް ޑީޒަރސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

މިދުވަސްވަރު ކުރަމުންދާ ވިއްސާރާއާ ގުޅިގެން ލިބިފައިވާގެއްލުންތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް ޢުމަރު މޫސާ ފިކުރީ ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ ދުވަސްތަކުގައި ހަތްދިހަ އެއްހައި ގެއަށް ވިއްސާރައިގެ ސަބަބުން ގެއްލުންވެފައިވާ ކަމަށެވެ. އޭގެތެރެއިން ފަންސާސް ގެއަކީ އައްޑޫ ސިޓީން ގުޅިފައިވާ ރަށްތަކުގައި ހިމެނޭ ގެތަކަށެވެ. އެއާއެކު ތިންގެއެއްގެ ފުރާޅު އެއްލާލައިގެން ގެތަކަށް ގެއްލުންވެގެން ރިޕޯޓްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ފިކުރީ ވިދާޅުވީ ގޭގެއަށް ލިބިފައިވާ ގެއްލުންތައް ފޫބައްދައިދީފައިވާކަމަށާ، ގެދޮރު އިމާރާތް ކުރުމުގައި މުސްތަގުބަލަށް ވިސްނައިގެން ރޭނުން މުހިންމުކަމަށެވެ.

ރާއްޖެއަށް އެކި ހާދިސާތަކުގައި ގިނަ ގެއްލުންތަކެއް ވެފައިވާކަން ފާހަގަކުރައްވައި ފިކުރީ ވިދާޅުވީ އަހަރުގެ މިހާތަނަށް އެ އޮތޯރިޓީން މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާކަމަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން މިހާރުވަނީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އަންގާފައެވެ. އެގޮތުން ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެންޑީއެމްއޭއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވައިގަދަވެ ވިއްސާރަވާނެތީ މުދަލަށް ސަމާލުވުމަށްވެސް އެންޑީއެމްއޭއިން އިލްތިމާސް ކުރެއެވެ.