ވިޔަފާރި

އަދިވެސް އެންމެ ވިކެނީ ބޮއިންގ މަތިންދާބޯޓު


އެމެރިކާގެ އެއަރކްރާފްޓް އުފައްދާ މަޝްހޫރު ކުންފުނި، ބޮއިންގް އަކީ 1916 ވަނަ އަހަރުން ފެށިގެން އޭވިއޭޝަން ދާއިރާއަށް ބޭނުންވާ އެއަރޕްލޭންތަކާއި، ރޮޓަރކްރާފްޓް އަދި ހަމައެހެންމެ މިލިޓަރީ އަދި ސައިންސްގެ ބޭނުމަށް ރޮކެޓާއި މިސައިލް އަދި ސެޓަލައިޓް ފަދަ ތަކެތި އުފައްދާ ކުންފުންޏެކެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް ބޮއިންގއިން މަތިންދާބޯޓު ފޯރުކޮށްދެމުންދާއިރު އަދިވެސް އެންމެ ކާމިޔާބު ކަމާއެކު ވިކެމުންދަނީ ބޮއިންގގެ މަތިންދާބޯޓްތަކެވެ. ބޮއިންގއާއި އެންމެ ކައިރިން ވާދަކުރަނީ 'އެއަރބަސް' ކުންފުންޏެވެ.

2018 ވަނަ އަހަރު ބޮއިންގ ކުންފުނިން ވަނީ 893 މަތިންދާބޯޓު އުފައްދައިގެން 101 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. އަދި އެކި ޚަރަދުތަކަށް ކެނޑުމަށްފަހު ބޮއިންގ ކުންފުންޏަށް މިދިޔަ އަހަރު 10.4 ބިލިއަން ޑޮލަރުގެ ފައިދާއެއް ވަނީ ލިބިފައެވެ.

ބޮއިންގއާ އަޅާބަލާއިރު އެއަރބަސްއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 71 ބިލިއަން ޑޮލަރެވެ. އަދި ފައިދާގެ ގޮތުގައި ލިބިފައިވަނީ 5.68 ބިލިއަން ޑޮލަރެވެ. މިއީ ބޮއިންގ ކުންފުންޏަށް ލިބުނު އާމްދަނީއާއި އަޅާބަލާއިރު ވަރަށް މަދު އަދަދެކެވެ.

ބޮއިންގ ކުންފުނިން ތަފާތު މޮޑެލްތައް އުފައްދާ ނެރެމުންދާއިރު އަދިވެސް ގިނަ އެއަރލައިންތަކުގެ މެދުގައި އެންމެ މަޤްބޫލީ ބޮއިންގް 737 މެކްސް މަރުކާގެ މަތިންދާބޯޓެވެ. އަދި މަތިންދާބޯޓުތަކުގެ މޮޑެލްތަކުގެ ތެރެއިން އެންމެ ވިކެމުންދަނީވެސް ބޮއިންގ 737 މެކްސް މަރުކާގެ މަތިންދާބޯޓެވެ.

ބޮއިންގ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދާއި ހަމައަށް މި މޮޑެލްގެ 15161 މަތިންދާބޯޓު ބޮއިންގއިން ވިއްކާފައިވެއެވެ. 737 މެކްސް މަރުކާގެ ކާމިޔާބީއާއެކު މި މޮޑެލް ވަނީ ރެކޯޑް ފޮތްތަކުންވެސް ޖާގަ ހޯދާފައެވެ. އެގޮތުން އެންމެ ގިނައިން އުފެއްދި އެއަރ ކްރާފްޓް މޮޑެލްއަކަށް ބޮއިންގ 737 ވަނީ ވެފައެވެ.

އެއަރލައިންތަކުގެ މެދުގައި 737 މަރުކާ މިހާ މަޤްބޫލުވެފައިވަނީ މި އެއަރލައިން ދުއްވަން ފަސޭހަވެ، އަގު ވެސް ރަނގަޅުވުމާއި ގުޅިގެންނެވެ. އެހެންނަމަވެސް، މިއަހަރުތެރޭ މި މަރުކައިގެ މަތިންދާބޯޓުތަކެއް ވެއްޓި ހިނގި ހާދިސާތަކާއި ގުޅިގެން މި މޮޑެލްގެ ބޯޓުތައް ދުއްވުން ވަގުތީގޮތުން ވަނީ މަނާކޮށްފައެވެ. މިކަމާއި ގުޅިގެން މިއަހަރުގެ ކުރީކޮޅު ބޮއެންގް 737 ގެ އޯޑަރުތައް ވަނީ ދަށްވެގެންގޮސްފައެވެ.

ނަމަވެސް ދާދިފަހުން ބްރިޓިޝް އެއަރވޭސްއާއި ޔޫރަޕްގެ އެހެން ބައެއް އެއަރލައިންތައް ހިންގާ، އިންޓަނޭޝަނަލް އެއަރލައިންސް ގްރޫޕު، އައި.އޭ.ޖީން ވަނީ 737 ބޮއެންގް މަރުކައިގެ 200 މަތިންދާބޯޓަށް އޯޑަރު ދީފައެވެ. ބޮއިންގއިން ބުނީ މި މަރުކައިގެ ބޯޓުތައް ދުއްވުމުގެ ހުއްދަ ލިބުމާއިއެކު އޯރޑަރުތައްވެސް އިތުރުވެގެންދާނެކަމަށެވެ.

ބޮއިންގގެ 7x7 ސީރީސްގެ ދަށުން އެކުންފުނިން ދަނީ 737 މަރުކައިގެ އިތުރުން، 747، 767، 777 އަދި 787 މަރުކައިގެ މަތިންދާބޯޓު އުފައްދަމުންނެވެ. މީގެ އިތުރުން ވެސް އެހެނިހެން މަރުކައިގެ މަތިންދާބޯޓު ބޮއިންގ ކުންފުނިން އުފައްދައެވެ. އޭގެ ތެރެއިން ވެސް ބޮއިންގ 787 ޑްރީމްލައިނަރ ފާހަގަކޮށްލެވެއެވެ.