ސިޔާސީ

ޚިޔާނާތަށް ތުހުމަތުކުރެވޭ ފައިސާ ޖަމާވި މައްސަލަ، އިސްލާމިކް ބޭންކުން ރިޕޯޓްކޮށްފައި ނުވާކަން ހާމަވެއްޖެ


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އެކައުންޓަކަށް ޖަމާކުރުމުން އެބޭންކުން އެކަން، ކަމާބެހޭ އެއްވެސް އިދާރާއެއްގެ ސަމާލުކަމަށް ގެނެސްފައިނުވާކަން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ފައިނޭންސް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އާޠިފް ޝަކޫރު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޤައުމީ ބޭންކް (ބީއެމްއެލް)ގެ އެސްއޯއެފް އެކައުންޓްތަކަށް ޖަމާކުރުމުން މާނީލޯންޑަރިންގއަށް ޝައްކުކުރެވޭ މުޢާމަލާތްތަކުގެ ތެރެއިން އެފްއައިޔޫއަށް ރިޕޯޓްކޮށްފައިވަނީ އެންމެ މުޢާމަލާތެއްގެ މައްސަލަކަމަށެވެ.

އެސްއޯއެފްގެ ހަތަރު ނުވަތަ ފަސް އެކައުންޓް ބީއެމްއެލްގައި އޮންނައިރު އެ އެކައުންޓްތަކުން މަނީލޯންޑަރިންގއާއި ގުޅުންހުރި ގިނަ މުޢާމަލާތްތަކެއް ހިންގާފައި ވީނަމަވެސް އެފްއައިޔޫއަށް ރިޕޯޓްކޮށްފައިވަނީ އެންމެ މުޢާމަލާތެއްކަމަށް އާޠިފް ވިދާޅުވިއެވެ. އެމައްސަލަ ހުރިހާ ތަޙްޤީޤީ އިދާރާއްގެ ސަމާލުކަމަށް އައިސްފައިވާއިރު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އެކައުންޓަކަށް ޚިޔާނާތުގެ ފައިސާ ޖަމާވި ވާހަކަ އެއްވެސް ފަރާތަކުން ދައްކާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގަމުން އަންނަ ބޭންކުތަކު ހުޅުވާފައިވާ އެކައުންޓޤތަކުން ދެލައްކައަށް ވުރެ ގިނަ ރުފިޔާއިން މަތީގެ ކޮންމެ މުޢާމަލާތެއް އެމްއެމްއޭއަށް ރިޕޯޓްކުރަންޖެހެއެވެ. އަދި މަނީލޯންޑަރިންގއަށް ޝައްކުކުރެވޭ މުޢާމަލާތްތައްވެސް އެފްއައިޔޫއަށް ރިޕޯޓްކުރަންޖެހެއެވެ.

އާޠިފް ޝަކޫރު ވިދާޅުވީ، އެމްއައިބީގެ އެކައުންޓަކަށް އެއްމިލިއަން ޑޮލަރު ޖަމާވުމުން އެކަން އެފްއައިޔޫއަށް ރިޕޯޓްކޮށްފައި ނުވާކަމަށެވެ. އެއީ ޤާނޫނާ ޚިލާފްކަމެއްކަމަށް އާޠިފް ވިދާޅުވިއެވެ. އާޠިފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ އެކެއް ޕޮއިންޓު ތިނެއް ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާގެ މައްސަލާގައި އިޙްމަލުވަނީ ޤައުމީ ބޭންކު އެކަނި ނޫންކަމަށާ، އެމްއައިބީއާއި އެނޫންވެސް މިނިވަން މުއައްސަސާތަކާއި ތަޙްޤީޤީ އިދާރާތަކުގެ އިހުމާލު އޮތްކަން އާޠިފް ފާހަގަކުރެއްވިއެވެ. އަދި މި މައްސަލަ ތަޙްޤީޤްނުކޮށް ފިޔަވަޅު އަޅާފައިނުވަނީ އެދުވަސްވަރު މުޅި މުޖުތަމަޢުގައި ލެވިފައި އޮތް "ތަޅެއް"ގެ ސަބަބުންކަމަށް އާޠީފް ސިފަކުރެއްވިއެވެ.

"ތިބޭފުޅުންނަށް ތި ފެނިވަޑައިގަތީ ޤައުމީ ބޭންކް ބީއެމްއެލްއިން އެކަނި ރެއިޒްކުރި އެސްޓީއާރުގެ ވާހަކަ. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯ އެއްމިލިއަން ޑޮލަރު އެމްއައިބީއަށް ވަން ވާހަކަ. އެވާހަކަ ކޮންތާކުންތޯ ތިބޭފުޅުން ދެކެވަޑައިގަތީ؟ އެކަމެއް ސޯޝަލް މީޑިއާގަ ލީކުކޮށްލީމަ ނޫންތޯ ފެނުނީ. އެ އެއްމިލިއަން ޑޮލަރުގެ ވާހަކަ އެމްއައިބީން ރެއިންޒްކޮށްފަ އެބައޮތްތޯ؟ ކޮބައިތޯ އެމްއައިބީން ކުރި ރިޕޯޓް؟ މުޅި މުޖުމަޢުގަ ލެވިފަ އޮތް ތަޅެއް އެއީ މިވާހަކަ ނުދައްކާ އޮތީ." އާޠިފް ވިދާޅުވި.

އެމްއައިބީގެ އެކައުންޓަށް ވަން އެއްމިލިއަން ޑޮލަރަކީ އެ ބޭންކުގައި އޮތް ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާކުރި ފައިސާއެވެ. މިމައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީލޯންޑަރިންގެ ދައުވާ އުފުލާފައެވެ. ކޮމިޓީގައި ވާހަކަ ދައްކަވަމުން އާޠިފް ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޚަރަދުކޮށްފައިވަނީ މާލީ ފައިދާތަކެއް ހޯދުމަށްވުރެބޮޑަށް ސިޔާސީ މުޢާމަލާތްތަކެއް ކުރުމަށްކަމަށެވެ.