ޚަބަރު

ވީއައިއޭގައި ހަދާ ފިއުލް ފާމްގެ ސްޓްރަކްޗަރ މަސައްކަތް ނިމިއްޖެ


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ތެޔޮ ރައްކާކުރަން ހަދާ އައު ފިއުލްފާމުގެ ސްޓްރަކްޗަރ މަސައްކަތް ނިންމާލައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ތެޔޮ ރައްކާކުރަން ހަދާ އައު ފިއުލްފާމްގެ ސްޓްރަކްޗަރ މަސައްކަތް މުޅިން ނިންމާލެވިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޕައިޕްތައް އެޅުންފަދަ ކަންކަމަށް ހައިޑްރޯ ޓެސްޓިންގ އާއި ސެޓަލްމަންޓް ޓެސްޓުތައް ހެދުން ކަމަށްވެސް އެމްއޭސީއެލުން މަޢުލޫމާތުދެއެވެ.

އަދި ފިއުލްފާމްގައި ޤާއިމްކުރާ ތިން ޓޭންކުގައި ދެން ކުރިއަށްދާނީ ކުލަ ލުމުގެ މަސައްކަތެވެ. ތެޔޮ ރައްކާކުރަން ވީއައިއޭގައި ޤާއިމްކުރާ ޓޭންކް ތަކުން ކޮންމެ ޓޭންކެއްގައި ފަނަރަ ހާސް ލީޓަރުގެ ތެޔޮ ރައްކާ ކުރެވޭނެ ކަމަށްވެސް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ. ތިން ޓޭންކްގައި ޖުމްލަ ސާޅިސް ފަސް ހާސް ޓަނުގެ ކެޕޭސިޓީގެ ތެޔޮ ރައްކާކުރެވޭނެއެވެ.

ފިއުލް ފަރމްގެ ހެދުމުގެ މަސައްކަތުގެ ދަށުން ޖެޓް ފިއުލަށް ޚާއްސަކޮށްގެން ތިން ޓޭންކް ހަދާއިރު، އެއަރޕޯޓްގެ އެހެނިގެން ބޭނުންތަކަށް ޑީސަލް ރައްކާކުރާ ދެ ޓޭންކް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެމްއޭސީއެލްއިން ވިދާޅުވީ މިދެޓޭންކުގެ ސްޓްރަކްޗަރ މަސައްކަތާއި، ހަދަންޖެހޭ ޓެސްޓްތަކުގެ މަސައްކަތްވެސް ނިމިފައިވާކަމަށެވެ. އަދި ސޭންޑް ބްލާސްޓިންގ އާއި ޓޭންކުގެ ބޭރާއި އެތެރޭގެ ކުލަޖެއްސުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށޭނެކަމަށެވެ. މި ޓޭންކުތަކުގައި ފަސް ސަތޭކަ ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެއެވެ.

އެމްއޭސީއެލްއިން ބުނީ ޕައިޕްއެޅުމާއި މިނޫންވެސް ޓޭންކުތަކަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވުމަށް ކުރިއަށްއޮތް ދެ މަސްދުވަހުގެ ތެރޭގައި ފެށޭނެކަމަށެވެ. ވީއައިއޭ ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ބިޔަ ބޮޑު މަޝްރޫއުގެ މަސައްކަތްތަކަށް ގާތްގަނޑަކަށް އަށް ސަތޭކަ މިލިއަން ޑޮލަރު ނުވަތަ ބާރަ ޕޮއިންޓު ތިނެއް ބިލިއަން ރުފިޔާއަށްވުރެ ބޮޑު ވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.