ޚަބަރު

އއ.ރަސްދުއަށް އުދަ އަރައިފި


މިއަދު ދިޔަވަރު ބޮޑުވި ވަގުތު އއ.ރަސްދޫއަށް އުދަ އަރަފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ މި ދުވަސްވަރު ބިން ތިރި ރަށްތަކަށް އުދަ އެރުމަކީ އެކަށީގެންވާކަމަށެވެ. އަދި މިހާރު ރަށްތަކަށް އުދަ އަރަމުންދަނީ ދިޔަވަރު ބޮޑުވާ ވަގުތު ވައި ގަދަވުމާއި ގުޅިގެންކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

އއ.ރަސްދުއަށް އުދަ އެރުމާއި ގުޅިގެން ފެން ހިއްކުމުގެ މަސައްކަށް ފުލުހުން ގެންދަނީ ކުރަމުންނެވެ. ފުލުހުންވަނީ ގެތަކަށް ފެން ވަންނާނެކަމަށް ލަފާކުރެވޭނަމަ ވެލި ބަސްތާ ޖަހާ ފެން ނުވަންނާނެގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ. އުދަ އެރުމުގެހާއްދިސާގައި އެއްވެސް ގެއްލުމެއްވި ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

ރަސްދުއަށް އުދަ އަރާފައިވަނީ މިއަދު އެންމެ ދިޔަވަރު ބޮޑުވި ވަގުތު، މެންދުރު 12:30ހާއިރެވެ.
މެޓު އޮފިހުން ބުނެފައިވަނީ މިއީ ހުޅަނގު މޫސުމަށްވެފައި، ވައިގަދަވެ މޫސުން ގޯސްވާ ވަގުތުގައި އުދަ އަރާނެކަމަށެވެ.

ވިއްސާރަވެ ކަނޑުތައް ގަދަވާނެތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިއަދުވަނީ އެކި އަތޮޅުތަކަށް އެލަރޓްތައްވެސް ނެރެފައެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން، ދަތުރަށް ނިކުންނައިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ޚާއްސަ ސަމާލްކަމެއް ދިނުމަށްވަނީ އެމްއެންޑީއެފުން އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގެ ގިނަ ޙާދިސާތަކެއް ވޭތުވެދިޔަ 3 ދުވަހު ހިންގާފައިވެއެވެ.
މިއަދުވަނީ ވިއްސާރަވެގެން ޅ.ނައިފަރުގައި ފެންބޮޑުވެ، ގޭގައަށް ފެންވަދެ ބައެއް ގެއްލުންތައްވެސް ވެފައެވެ.