ވިޔަފާރި

އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ 2 ފަރާތަކަށް ދީފި


އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދެ ފަރާތަކަށް ދީފިއެވެ.

އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުުމުގެ ހުއްދަ ދީފައިވަނީ ސ.ހިތަދޫ ހޮޓް ބޮކްސް ކެފޭއަށާއި ސ.ފޭދޫ ތްރީ އެސް ލައުންޖް ކެފޭ އަށެވެ.

އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުމަށް ނިންމާ، ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަޙައްދުތައް އިކޮނޮމިކް މިނިސްޓްރީން އިޢުލާންކޮށްފައިވަނީ މިދިޔަ މޭމަހުގެ ތެރޭގައެވެ.

އެގޮތުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އައްޑޫ ސިޓީގައި ހިތަދޫއިން ތިން ސަރަހައްދެއް ކަނޑައަޅާފައިވާއިރު މަރަދޫއިން ދެ ސަރަހައްދު ވަނީ ކަނޑައަޅާފައެވެ. އަދި މަރަދޫފޭދޫއިން އެއް ސަރަހައްދު ކަނޑައަޅާފައިވާއިރު ފޭދޫއިން ވަނީ ދެ ސަރަހައްދު ކަނޑައަޅާފައެވެ. މީގެއިތުރުން ހުޅުދޫއިން ދެ ސަރަހައްދު ކަނޑައަޅާފައިވާއިރު މީދޫއިން ތިން ސަރަހައްދެއް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް ވަނީ ކަނޑައަޅާފައެވެ.

މިހާތަނަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ މާލެ ސިޓީން 24 ތަނަކަށްވަނީ ދީފައެވެ. އޭގެތެރޭގައި ބޮޑު ދެ ސުޕާ މަރކެޓް ކަމުގައިވާ މަޖީދީމަގުގައި ހިންގާ ވީބީ މާރޓު އަދި ރެޑް ވޭވް ފިހާރަ ހިމެނެއެވެ.

* މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކެފޭ ރެސްޓޯރަންޓްތައް
1- ސީހައުސް (ހުޅުމާލޭ ފެރީ ޓަރމިނަލް )
2- ސެފްރޮން ކެފޭ ( ސޯސަންމަގު )
3- ނައިސް އެންޑް ސްޕައިސް ( ފުޑްކޯޓް )
4- ވީވަރ ކެފޭ ( ފުޑްކޯޓް )
5- ރިޓްރީޓް ޑިލައިޓް ( ފުޑްކޯޓް )
6- މާރުކޭޓް ހޮޓަލް
7- ނޮވެލް ބިސްޓްރޯ ( ފުޑްކޯޓް )
8- ޑޯލްފިން ވިއު ކެފޭ ( ކާނިވާ )
9- އެމް.ޓީ ކެންޓީން ( އެމްޑަބްލިޔުއެސްސީ ކެންޓީނު )
10- ސައުތު ވިންގް ކެފޭ ( ބިޒަނަސް ސްކޫލް )
11- މިސްޓިކޯ ( ފުޑްކޯޓް)
12- އަލަ ކާޓް ( ފުޑްކޯޓް)
13- ދަ ޑެކް (ކާނިވާ )
14- ލައިމް ވޯޓާ ލައުންޖް ( ލޮނުޒިޔާރަތް މަގު)
15- ދަ ކޮފީ ގްރިލް ( ފުޑް ކޯޓް)


* 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ފިހާރަތައް
1- އެކްސްޕްރެސް މާޓް ( ވިލިނގިލި ފެރީ ޓާރމިނަލް )
2- ނިއު ޗެއިން (ސޯސަންމަގު )
3- ޝޮޕް އެންޑް ސޭވް ( ސޯސަންމަގު )
4- އޭ. އެން.ޖީ ޓުރޭޑަރސް ( އޯކިޑްމަގު )
5- ވީބީ މާރޓު (މަޖީދީމަގު)
6- ރެޑް ވޭވް ( މަޖީދީމަގު)
7- ގްރާސް މަރކެޓް ( ސޯސަން މަގު)
8- ބްރައިޓް ޕްލަސް ( ލޮނުޒިޔާރަތް މަގު)
9- ޗޮއިސް ޕްލާޒާ ( ބުރުޒު މަގު)

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޭ ތަންތަނުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެތެރެ ސާފުކޮށް ފެންނަ ގޮތަށް ހުރުމާއި، 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނަކަށްވުން ހިމެނެއެވެ.

މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދޭ ސަރަހައްދުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގު، ކަނބާއައިސާރަނި ހިނގުމާއި ފަރީދީމަގާއި ސޯސަންމަގާއި މެދުޒިޔާރަތްމަގު ހިމެނެއެވެ. މީގެ އިތުރުން ޖަނަވަރީމަގާއި މަޖީދީމަގާއި ބުރުޒުމަގާއި އޯކިޑުމަގާއި އަމީނީމަގާއި ލޮނުޒިޔާރަތްމަގުވެސް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަދޭ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެއެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައިވެސް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރަން ފެށުމަށް އިކޮނޮމިކް މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.