ސިޔާސީ

ކުރީގެ އިސްލާމިކް މިނިސްޓްރ ޝަހީމް އޭޕީން ވަކިވާން ނިންމައިފި


ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އާދާލަތު ޕާޓީން ވަކިވެ، ސިޔާސީ މައިދާނާ ދުރަށް ދާން ނިންމަވާފައިވާ ކަމަށް ހާމަކޮށްފިއެވެ.ސޯޝަލް މީޑިޔާތައް މެދުވެރިކޮށް ޝަހީމް ވިދާޅުވެފައިވަނީ އަދާލަތު ޕާޓީން ވަކިވުމަށް ނިންމަވާފައިވާ ކަަމަށާއި، އަންނަ އާދިއްތަ ދުވަހު އިސްތިއުފާގެ ސިޓީ ހުށައަޅުއްވާނެ ކަމަށެވެ.އަދާލާތު ޕާޓީން ވަކިވުމަށްފަހު އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ. ސިޔާސީ ދާއިރާ ދޫކޮށްލުމަށްފަހު، ޖަމިއްޔާއެއް އުފައްދައި އަރަބި ގައުމުތަކާއި ގުޅުން ބަދަހިކޮށް އެހީތެރިކަން ހޯދައި އިސްލާމް ދީނަށާއި ގުރުއާނުގެ އިލްމު ފެތުރުމަށާއި އިންސާނީ އެހީ ދިނުމަށާއި ޒުވާނުން ބިނާކުރުން ފަދަ އިޖުތިމާއީ ޚިދުމަތުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކަމަށްވެސް ޝަހީމް ވިދާޅުވެފައިވޭ. ޝަހީމް ވިދާޅުވީ އޭނާގެ ވިސްނުމާ އެއްގޮތަށް ފުރިހަމައަށް މަސައްކަތް ކުރަން ސިޔާސީ މަސްރަހުގައި ހުރަސްތަކެއް ކުރިމަތިވެފައވާ ކަމަށާއި، އަދާލަތު ޕާޓީގައި ތިބި ޚިޔާލު ތަފާތު ފަރާތްތަކަށް ދެރަ ބަހެއް ބުނަން ބޭނުން ނުވާ ކަމަށް. ނަމަވެސް އިސްލާމީ ކޮންމެ ކަމެއްގައިވެސް  ކޮންމެ ބައެއް ނަމަވެސް އެހީތެރިކަން ދެއްވާނެ ކަމަށް ޝަހީމް ވިދާޅުވެފައިވޭ.އިސްލާމިކް މިނިސްޓަރގެ މަގާމުން ޝަހީމް އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވަން ނިންމެވި އެއްވެސް ސަބަބެއް ޝަހީމް ހާމަކޮށްފައެއް ނުވެއެވެ.