ވިޔަފާރި

އައިފޯން ހެކްކުރާ ފަރާތަކަށް އެއް މިލިއަން ޑޮލަރު!


ކަސްޓަމަރުންގެ މެދުގައި މަޤްބޫލްކަން ހޯދާފައިވާ އައިފޯނަކީ ސަލާމަތީގޮތުން އެންމެ ވަރުގަދަ ސޮފްޓްވެއަރތައް ހިމެނޭ އުފެއްދުމެއްކަމަށް އެޕަލުން އަބަދުވެސް ބުނަމުން އާދެއެވެ. އެގޮތުން ބާޒާރުގައި މިހާރު ލިބެންހުރި އެހެން ފޯނުތަކުގެ ސޮޕްޓްވެއަރއަށް ވުރެ އެޕަލްގެ ސޮފްޓްވެއަރ ވަރުގަދަވާނެ ކަމަށާއި އެ ފޯނުތައް ހެކްކޮށްގެން ފޯނު ބޭނުންކުރާ ފަރާތުގެ ޒާތީ މައުލޫމާތު ހޯދުމަކީ ނުވާނެ ކަމެއްކަމަށް ދައްކާލުމަށްޓަކައި އެޕަލުން މިހާރު މިވަނީ އެކަން ކުރާ ފަރާތަކަށް އެއް މިލިއަން ޑޮލަރު ހުށަހަޅާފައެވެ.

ފޯނެއް ހެކްކޮށްގެން އެއް މިލިއަން ޑޮލަރު ހޯދުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މިއީ ތާރީޙުގައިވެސް ކުންފުންޏަކުން މިފަދަ ކަމަކަށް ހުށަހެޅި އެންމެ ބޮޑު އިނާމުކަން ފާހަގަކޮށްލެވެެއެވެ. އަދި ކުރިއަށް އޮތްތަނުގައި އައިފޯނުގެ އިތުރުން، މެކްބުކް އަދި އައި-ވޮޗު އަދި އެޕަލް ޓީވީ ހެކްކުރުމަށްވެސް ހުޅުވާލާނޭކަމަށް އެޕަލްއިން ބުނެއެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް ދެކޭގޮތުގައި ޒާތީ މައުލޫމާތުތަކާއި އެމީހެއްގެ އަމިއްލަ ތަކެތީގައި ރައްކާކުރާ މައުލޫމާތުތަކަކީ އެމީހެއްގެ އިންސާނީ ހައްޤެކެވެ. އަދި އެޕަލްގެ ކަސްޓަމަރުންނަށް އެ ހައްޤު ކަށަވަރުކޮށްދިނުމަށް އެކުންފުނިން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ކުކްވަނީ މީގެ ކުރިން ބުނެފައެވެ.

ހެކަރުންނަށް އިނާމު ފައިސާ ހުށަހެޅުމަކީ އެޕަލްފަދަ އެހެން ކުންފުނިތަކުންވެސް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން މިއަހަރުގެ ޖުލައިމަހު ގޫގުލްއިންވެސް ވަނީ އެ ކުންފުނީގެ 'ކުރޮމް ބުރޯޒާ' ހެކްކޮށްލާ ފަރާތަކަށް 30،000 ޑޮލަރު ހުށަހަޅާފައެވެ.