ޚަބަރު

ތަމްރީނެއް ނެތް 634 މުދައްރިސުން ކިޔަވައިދޭ - މިނިސްޓަރ


ރާއްޖޭގެ ސްކޫލްތަކުގައި ތަމްރީނެއްނެތި ރިލީފް ޓީޗަރުންގެ ގޮތުގައި ހަސަތޭކައަށްވުރެ ގިނަ މުދައްރިސުން ޙަރަކާތްތެރިވަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. ކިޔަވައިދިނުމުގެދާއިރާއަކީ މީހުން ޝައުގުވެރިވާ ދާއިރާއަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ރާއްޖޭގެ ސްކޫލްތަކުގައި އެކަށީގެންވާ ތަމްރީނެއްނެތި ރިލީފް ޓީޗަރުންގެ ގޮތުގައި ހަ ސަތޭކަ ތިރީސް ހަތަރު މުދައްރިސުން ޕްރައިމެރީ ގްރޭޑްތަކުގައި ކިޔަވައިދިނުމަށް ޙަރަކާތްތެރިވަމުންދާކަމަށެވެ. މިނިސްޓަރވަނީ ޕްރައިމެރީ ގްރޭޑްތަކުގައި ތަމްރީނެއްނެތި ކިޔަވައިދޭ މުދައްރިއްސުން ތިބޭނަމަ އެކަމުން ދަރިވަރުންގެ ކިޔެވުމަށް އަސަރުތަކެއް ކުރަމުންދާނެކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މުދައްރިސުން ތަމްރީން ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރވަނީ ބްލޮކް މޯޑަށް ހިންގާ ކޯސްތަކުން މުދައްރިސުން ރަނގަޅަށް ތަމްރީނު ނުވާ ކަމަށާއި ރަނގަޅު ޓީޗަރުން ތަމްރީނު ކުރުމަށް "ފޭސް ޓު ފޭސް" ތަމްރީނު މަދުވެގެން ތިން އަހަރު ވަންދެން ދޭންޖެހޭކަން ފާހަގަކުރައްވާފައެވެ. މިހާރު ޕްރައިމެރީ ގްރޭޑްތަކަށް ބޭނުންވާ ދިވެހި މުދައްރިސުން ނުލިބުމުގެ ސަބަބުން، ރާއްޖެއިން ބޭރުން ތަމްރީން ލިބިފައިވާ މުދައްރިސުން ގެނައުމަށް ވަނީ އިޢުލާންކޮށްފައެވެ. މިގޮތުން ރާއްޖެއިން ބޭރުން އިންޑިއާގެ އިތުރުން އިތުރު ޤައުމުތަކުން ތަމްރީން ލިބިފައިވާ ޤާބިލް މުވައްޒަފުން ގެނައުމަށް ނިންމާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން ސްރީލަންކާ، ފިލިޕީންސް، ބޫޓާނުންވެސް މުދައްރިސުން ގެނައުމަށް ވަނީ ނިންމާފައެވެ.

"ޕްރައިމަރީ ގްރޭޑްތަކުގައި އެ ދަރިވަރަށް ކިޔަވައިދޭ އެއްޗެހި އެހާ ކޮލިޓީ ރަނގަޅު ނޫންކަމުގައި ވެއްޖެއްޔާ ސެކަންޑްރީ ގްރޭޑްތަކަށް ދިޔައިމަ ވެސް ހަމަ އެ ރިޕީޓްވެގެން ދާނީ. އެހެންވީމާ ފުރަތަމަ ބިންގާ ރަނގަޅުކުރަން އެބަ ޖެހޭ. އެހެންވީމާ އެގޮތުގެ މަތިން ވިސްނާފައި އަޅުގަނޑުމެން ބޭރުން ޓީޗަރުން ގެންނަން ނިންމީ. ނަމަވެސް ވަރަށް ބޮޑަށް މިނިސްޓްރީން ސަމާލުކަން ދޭނެ އެ ގެނެވޭ މުދައްރިސުންނަކީ ކޮލިޓީ މުދައްރިސުންކަން ކަށަވަރު ކުރަން. "މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ރާއްޖެއިން ބޭރުން ތަމްރީންލިބިފައިވާ މުދައްރިސުން ގެނައުމަށް ނިންމިނަމަވެސް ދިވެހި މުދައްރިސުން ތަމްރީންކުރުމަސްވެސް ނިންމާފައިވާކަމަށެވެ. އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުގުވެރިވާ މީހުންގެ ނިސްބަތް މަދުވަމުންދާކަމަށާ މިދާއިރާއަށް ޝައުޤުވެރިކަން ކުޑަވެފައިވަނީ މުދައްރިސުންނަށް އެކަށީގެންވާ ޚިދުމަތްތަކެއް ލިބެމުން ނުދާތީކަމަށެވެ.

މިކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ރަޝީދު ވިދާޅުވީ މުދައްރިސުންގެ މުސާރާއިގެ އިނާޔަތްތަކުގެ އިތުރަށް މުދައްރިސުން މަސައްކަތްކުރުމުގެ އުޞޫލަށްވެސް ބަދަލުގެނައުމަސްވެސް މަސައްކަތް ކުރައްވަމުންދާކަމަށެވެ.

"ކުރިއަށް އޮތްތާޏގައި ސްކޫލްތަކަށް އިރުޞަދު ލިބިގެންދާނެ މުދައްރިސުން މަސައްކަތްކުރާ އުޞޫލަކީ ޝައުގުވެރިވާ އެއްޗަކަށް ހެދުމަށްޓަކައި. ވަރަށް ބޮޑު ވިސްނުމެއް އެބަހުރި ޓީޗިން ޕްރިފިޝަނަކީ އެޓްރެކްޓިވް އެއްޗަކަށް ހެދުމަށް." ރަޝީދު ވިދާޅުވިއެވެ.

ޕްރައިމެރީ ގްރޭޑްތަކަށް ކިޔަވައިދިނުމަށް ތަމްރީންނެތް މުދައްރިސުން ތިބިއިރު މުދައްރިސުންގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ރައީސް އޮފީހާއެކު މުސާރާއިގެ އޮނިގަނޑާމެދު މަޝްވަރާކުރެވި ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ. އަދި އިތުރުގަޑީގެ ޢިނާޔަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާކަން މިނިސްޓްރީން ވިދާޅުވެއެވެ. ނުވަހާހަށްވުރެ ގިނަ މުދައްރިސުން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެމުންދާއިރު މީގެ ތެރެއިން 7000އަށް ވުރެ ގިނަ މުދައްރިސުންނަކީ ދިވެހިންނެވެ.