ޚަބަރު

ކެނޯގައި ދަތުރުކުރަނިކޮށް ގެއްލުނު ދެމީހުން ފެނިއްޖެ


ވިލިމާލެ ކައިރިން ކެނޯއެއްގައި ދަތުރުކުރަނިކޮށް ރޭ ގެއްލުނު ދެމީހުން ފެނިއްޖެއެވެ. ކެނޯއެއްގައި ދަނިކޮށް ގެއްލުނީ ޢުމުރުން 20 އަހަރުގެ ފިރިހެނަކާއި ޢުމުރުން 33 އަހަރުގެ ފިރިހެނެކެވެ. އެދެމީހުން ފެނިފައިވަނީ ރޭ މެންދަމު ތިންގަޑި ފަނަރަ ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ.

ދިހަ ގަޑިރަށްވުރެ ގިނައިރު ކަނޑުމަތީ އޮތުމަށްފަހު އެމީހުންވަނީ ފަތާފައި ހުޅުމާލޭ ސްވިމިންގ ޓްރެކް ސަރަހައްދުން ހުޅުމާލެއަށް އަރާފައެވެ. އެމީހުން ހުޅުމާލެއަށް ފަތާފައިއެރީ ކެނޯގައި އޮޔާދަމުންގޮސް ހުޅުމާލެއާއި ކައިރިވުމުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ހުޅުމާލޭ ހޮސްޕިޓަލުންވަނީ އެދެމީހުންގެ ސިއްޙީ ޙާލަތު ޗެކުކޮށްފައިކަމަށާއި ދެމީހުންގެ ޙާލުވެސް ރަނގަޅުކަމަށް ފުލުހުން ވިދާޅުވެއެވެ.

ރާއްޖޭގެ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ގިނަ ޙާދިސާތައް ދަނީ ހިނގަމުންނެވެ. އެގޮތުން އުޅަނދުފަރަށް އެރުމާއި އުޅަނދުފަހަރު ދިޔަވެ އަޑިއަށްދިއުމާއި ނަގިލި ކަހާލައިގެން ދިއުންފަދަ ޙާދިސާތަކުގެ ރިޕޯޓް ލިބެމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މޫސުން ގޯސްވެ ކަނޑުގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުތައް ކުރުން ރައްކާތެރި ނޫންކަމަށް އެމްއެންޑީއެފާއި ފުލުހުންވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.