ކެނޯއެއްގައި ދިޔަ 2 މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މި ދެމީހުން ގެއްލުނުކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 20:54ގައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
ވިލިމާލޭ ބީޗް ސަރަހައްދުން މޫދަށް އެރި އުޅުނު މި ދެ މީހުން ހޯދުމުގެ މަސައްކަތް މެރިން ޕޮލިހާއި ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ. އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓެއްވެސް ބޭނުންކުރަމުންދާކަމަށެވެ. އަދި އެ ދެމީހުން ހޯދުމަށް ކޯސްޓްގާޑުގެ ލޯންޗުގެ ނައިޓް ވިޝަން ކެމެރާތައް ބޭނުންކޮށްގެން ކަނޑުމަތި ބަލަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ކެނޯއެއްގައި ދަނިކޮށް ގެއްލިފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުން ތިބީ އޮރެންޖު ކުލައިގެ ކެނޯއެއްގައިކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ރާއްޖޭގެ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ގިނަ ހާދިސާތައް ދަނީ ހިނގަމުންނެވެ. އެގޮތުން އުޅަނދުތައް ފަހަރު ފަރަށް އެރުމާއި، އުޅަނދު ފަހަރު ދިޔަވެ އަޑިއަށް ދިއުމާއި އަދި ނަގިލި ކަހައިލައިގެން ދިއުންފަދަ ހާދިސާތަކުގެ ރިޕޯޓް ލިބެމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މޫސުން ގޯސްވެ ކަނޑުގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުތައް ކުރުން ރައްކާތެރި ނޫންކަމަށް އެމްއެންޑީއެފާއި ފުލުހުންވެސް ވަނީ އިލްތިމާސް ކޮށްފައެވެ.