ޚަބަރު

ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރައިގައި ގިނަ ރަށްތަކަކަށް ގެއްލުންވެއްޖެ


ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގަދަ ވަޔާއެކު މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކަށް ގެއްލުންވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު މޫސަ ފިކުރީ ވިދާޅުވީ ރޭގެ ވިއްސަރާއާ ގުޅިގެން އައްޑޫސިޓީ އާއި ފުވަމުއްމުލަކު ސިޓީ އާއި ގދ.ތިނަދޫގެ ބައެއް ގެތަކަށް ގެއްލުން ލިބިފައިވާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާކަމަށެވެ.

އެގޮތުން އައްޑޫ ސިޓީގެ 30 ގެއަކަށް ގެއްލުންވިކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެރަށުގެ ބައެއް ގެތަކުގެ ފުރާޅު އެއްލާލާފައިވާތީ އެ ގެތައް އަލުން ހިޔާކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާއި ސިފައިންނާ ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫސިޓީ ކައުންސިލުގެ މޭޔަރ ޢަބްދުﷲ ޞޯދިޤް ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ރޭގެ ވިއްސާރައިގައި ގާތްގަނޑަކަށް 40 ގެއަކަށް އެކިވަރުގެ ގެއްލުންވެފައިވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި ވިއްސާރައިގައި ފުރާޅަށް ގެއްލުންވި ގެތަކަށް އެހީތެރިކަން ފޯރުކޮށްދީ، މަގުތައް ސާފުކުރުމުގެ މަސައްކަތުގައި އައްޑޫ ސިޓީގެ އެކި މުޢައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުން ދާކަމަށެވެ.

މި ވިއްސާރައިގައި ފުވައްމުލަކު ސިޓީގެ 13 ގެއަކަށްވެސް އެކިވަރުގެ ގެއްލުން ވެފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީން ވިދާޅުވެއެވެ. އަދި އެ ސިޓީގެ ދެ އަކުން މީހުން ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް އެންޑީއެމްއޭއިން މަޢުލޫމާތުދެއެެވެ. އޭގެ ތެރެއިން އެއް ގެއިން މީހުން ބަދަލުވީ އަމިއްލައަށް ކަމަށާއި އަދި އަނެއްގެއިން މީހުން ބަދަލު ކޮށްދީފައިވަނީ ސިޓީ ކައުންސިލް މެދުވެރިވެގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގދ.ތިނަދޫގެ 5 ގެއެއްގެ ފުރާޅު އެއްލާލައި ބައެއް ގެތަކަށް އެކިވަރުގެ ގެއްލުންވެސް ވަނީ ލިބިފައެވެ.

ގދ. ތިނަދޫ ކައުންސިލުގެ ރައީސް، އިބްރާހިމް އަސްއަދު ވިދާޅުވީ ފުރާޅު އެއްލާލި ގެތަކުގެ ތެރޭގައި އެރަށުގެ ކުނި ކޮށި ކައިރީގައި އަލަށް ހަދަމުންދިޔަ ގެއަކާއި މީހުން ދިރިއުޅެމުންދާތާ އަހަރެއް ނުވާ ގެއެއްވެސް ހިމެނޭ ކަމަށެވެ. އަދި ދަޑުކޮޑޭ ސަރަހައްދުގެ ގެއެއްގެ ފުރާޅު އެއްލައިގެން ގޮސް 100 ފޫޓު ދުރުގައި ހުރި ގެއެއްގެ ފުރާޅުގައި ޖެހި އެކިވަރުގެ ގެއްލުންވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.