ކުޅިވަރު

ރާއްޖޭގައި ހުނަރު އެބަހުރި، ބޭނުންވަނީ ދާއިމީ ތަމްރީންތައް - ކޯޗު ފިލް


ރާއްޖޭގެ ކުޅުންތެރިންގެ އިސްކޮޅު ނެތަސް ދިވެހިރާއްޖޭގައި ހުނަރާއި ސްޕީޑަށް ބަލާއިރު ފެންވަރު ރަނގަޅު ކުޅުންތެރިން އެބަތިބިކަމަށް އެމެރިކާގެ އެންބީއޭގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ އެސިސްޓަންޓް ކޯޗު ފިލް ހޭންޑީ ބުނެފިއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ބާސްކެޓް ލީގުގެ ޗެމްޕިއަން ޓީމް ޓޮރޮންޓޯ ރެޕްޓާސްގެ އެސިސްޓަންޓް ކޯޗުވަނީ ރާއްޖޭގައި މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ބާސްކެޓްބޯޅަ ތަމްރީން ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ.

މި ކޭމްޕަށްފަހު ޕީއެސްއެމް ސްޕޯޓްސްއަށް ދިން އިންޓަވިއުގައި ފިލް ހޭންޑީ ބުނީ ރާއްޖޭގައި ބާސްކެޓްބޯޅައަށް އޮތް ޝައުގުވެރިކަމާއި، އޮތް ފޯރި ވަރަށް ބޮޑަށް ފެނިއްޖެކަމަށާއި، ރާއްޖޭގައި ބާސްކެޓްބޯޅައިގެ ހުނަރު އެބައޮތްކަމަށެވެ. އޭނާ ބުނީ ކޯޗިންގ ކޭމްޕްގައި ބޮޑަށް ބަލާފައިވާނީ އިސްކޮޅުން ދިގު ކުޅުންތެރިން ރާއްޖޭގައި ނެތުމުން ސްޕީޑް ގޭމެއް ކުޅެން ނިކުންނައިރު ޓީމަށް ރަނގަޅުކުރެވިދާނެ ކަންތައްތައްކަމަށެވެ.

"ޓްރެއިނިންގގައި ބޮޑަށް ފޯކަސްކުރީ ފުޓްވޯކް. އެއީ އަހަރެން ގަބޫލުކުރާ ގޮތުގައި އެންމެ ރަނގަޅު ނުވަތަ އަބަދުވެސް އިމްޕްރޫވްކުރަންޖެހޭ ފަންޑަމެންޓަލްއަކީ ފުޓްވޯކް. އެކަން ރަނގަޅު ކުރަން ކޮންމެ ކުޅުންތެރިއަކުވެސް ކޮންމެ ދުވަހަކުވެސް އެކަމަށް މަސައްކަތްކުރަން ޖެހޭނެ. މިހާރު މޮޅު ކުޅުންތެރިންވެސް ކޮންމެ ދުވަހެއްގެ ފަރިތަކުރުންތަކުގައި މިކަމަށް އިސްކަންދޭނެ." ކޯޗު ހޭންޑީ ބުންޏެވެ.

މިގޮތުން ބާސްކެޓް ކުޅުންތެރިއެއްގެ ފައިގެ ސްޕީޑާއި، ފައިގެ ހަރަކާތްތައް އަވަސްކުރާނެ ގިނަ ގޮތްތަކެއް ކިޔައިދެވުނުކަމަށް އޭނާ ބުންޏެވެ. އަދި މި ކޭމްޕްގައި ހުރިހާ ކުޅުންތެރިންގެ ފަރާތުން ލިބުނު އެއްބާރުލުންވެސް ފިލް ހޭންޑީވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.