ޚަބަރު

އިސްލާމް ދީނަށްޓަކައި ޤުރުބާންވާން ކެރޭ މީހުންނަށް، މިއަދުވަނީ ބޭނުންވެފައި - ޢީދު ޚުތުބާ


މާތްﷲއަށް ކިޔަމަންތެރިކަން އަދާކުރުމާއި އެކަނލާނގެ އެންގެވިމަގުން ކުރިއަށް ވަޑައިގަތުމުގައި ސަލާމްލެއްވި އިބްރާހީމް ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅުން މިއަދު މުސްލިމު އުމްމަތް ޢިބްރަތް ޙާސިލްކުރުމަށް މިއަދުގެ ޢީދު ޚުތުބާގައި ގޮވާލައްވައިފިއެވެ.

އިބްރާހީމް ޢަލައިހިއްސަލާމަށް މާތްﷲ ކުރިމަތިކުރެއްވި އިމްތިޙާނުތަކަކީ އެކަލޭގެފާނުގެ އީމާންކަމުގެ ވަރުގަދަކަން ބެއްލެވުމަށްޓަކައި ކުރިމަތިކުރެއްވި އިމްތިޙާނެކެވެ. އެކަލޭގެފާނުގެ މުސްކުޅިފުޅު ޢުމުރުގައި ލިބިވަޑައިގެންނެވި ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމް، މާތްﷲއަށްޓަކައި ޤުރުބާން ކުރެއްއްވުމަށް އެކަލާނގެ އިބްރާހީމް ޢަލައިހިއްސަލާމަށް އަމުރުކުރެއްވި ޙާދިސާ މިއަދުގެ ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ. މި ވަރުގަދަ އިމްތިޙާނުން އެކަލޭގެފާނު ފާސްވެވަޑައިގަތް ގޮތާއި އެކަމުން ނުކުތް ނަތީޖާގެމައްޗަށް މިއަދުގެ ޚުޠުބާގައިވަނީ އަލިއަޅުއްވާލައްވާފައެވެ.

މިއހަރުގެ އަޞްހާޢިދުދުދުވަހު ރާއްޖޭގެ އެކިސަރަޙައްދުގައި ކުރި ޢީދުނާމާދުގެ ޚުތުބާގައިވަނީ މިއަދު މުސްލިމް އުއްމަތް، އިބްރާހީމް ޢަލައިހިއްސަލާމުގެ މިޤުރުބާނީން ޢިބްރަތް ހާސިލްކުރަންޖެހިފައިވާކަން ފާހގަކުރައްވާފައެވެ. އަދި އިސްމާޢީލް ޢަލައިހިއްސަލާމް މާތްﷲއަށްޓަކައި އެކަލޭގެ ފާނުގެ ބައްޕާފުޅަށް ކިޔަމަންވެ ބޯލެނބިލެނބުމަކީ މިއަދުގެ ޒުވާނުންނަށް ލިބޭ ވަރުގަދަ ފިލާވަޅެއްކަން ކުޠުބާގައި ފާހަގަކުރައްވާފައިވެއެވެ. އަދި މި އަގުހުރި ފިލާވަޅުން މިއަދުގެ ޒުވާނުންގެ ޙަޔާތް އުޖާލާކުރުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.

ފަހަކަށްއައިސް އިސްލާމްދީނަށާއި ކީރިތި ޤުރުއާނަށާއި ކީރިތި މާތްރަސޫލާއަށް ފުރައްސާކޮށް ބައެއްމީހުން ހިންގާ ޢަމަލުތަކުގެމައްޗަށް މަންޒަރުތައް ފެންނަމުންދާކަމާއި، މުސްލިމުންގެ މުޤައްދަސް ތަންތަނަށް އަރައިގަނެ އެތަންތަން ފޭރިގަންނަމުންދާކަމާއި، އިސްލާމީ ވެރިންގެ އަބުފުޅަށް އަރައިގަނެ، އިސްލާމީ ޔުނިވަރސިޓީތަކާއި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް އެކިކަހަލަ ފިއްތުންތައް ކުރިމަތި ކުރުވަމުންދާކަން ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން، ލިބިފައިވާ ވަގުތުންނާއި މުދަލުންނާއި އުފައްދާ އެކިއެކި އީޖާދުތަކުން އިސްލާމްދީނަށްޓަކައި ޤުރުބާންވާން ކެރޭ މީހުންނަށް، މިއަދު ބޭނުންވެފައިވަކަން ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރިން މިއަދު ބޭނުންވާކަމަށްވެސް ޚުތުބާގައި ވިދާޅުވެފައިވެއެވެ.

" އިސްލާމީ ޤައުމުތަކުގެ އިންތަކުގެ ޙުރުމަތް ދަނީ ކަނޑަމުންނެވެ. މުސްލިމް ޢިލްމުވެރިންގެ ޤަދަރު ދަނީ ވައްޓައިލަމުންނެވެ. އިސްލާމީ ޔުނިވަސިޓީތަކާއި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް ފިއްތުންތައް ކުރިމަތި ކުރުވަމުން. އިސްލާމް ދީން މި ވަނީ އެ ދީނުގެ ވަޠަނުގައި ބީރަށްޓެހި ކޮށްފަ. ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ވައްޓައިލަމުން" ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން އަޅުގަނޑުމެން އަޟުޙާ ޢިދުގެ އުފާ ފާޅުކުރަމުންދާއިރު މިޢީދަކީ މިނިވަންކަމުގެ ޢީދެއްކަމަށް ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ. ޢީދު ވާންޖެހޭނީ ނަފްސުތައް ޝަހުވަތްތަކުން މިނިވަން ކޮށްދޭ ޢީދެއްކަމަށާ، ހަވާނަފްސުގެ ދަހިވެތިކަމުން މިނިވަންކޮށްދޭ ޢީދެއްކަމަށެވެ. އަދި މާތް ﷲގެ އަމުރުފުޅާ އެއްގޮތަށް ޢީދުގެ ދުވަސްތަކުގައި އުފާފާޅުކުރުމަށް ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ. މިއުފާވެރި ދުވަސްތަކުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީފޯރުކޮށްދީ ހިތްތައް ސާފުކުރުމަށް ޚުތުބާގައި ވަނީ ބާރު އަޅުއްވާފައެވެ.

"ޙަސަދަވެރިކަމުންނާއި ރުޅިވެރިކަމުން ހިތްތައް ތާހިރުކޮދޭ އީދެއް. ދެބައޮޑުވުމާއި ނެތިމޮށުމާއި އާޑަފުރައްސާރަކުރުމުން ދުރުކޮށްދޭ އީދެއް. ލޯތްބާއި، އަޅައިލުން އޮތް އުފާވެރި ދުވަސްތަކެއް. މި ދުވަސްތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް ހެޔޮ ފޯރުވާށެވެ. އެއްބަޔަކު އަނެއްބަޔަކާ ސަލާމްކޮށް ހިތް ސާފުކޮށް، އެއްބަޔަކުއަނެއް ބަޔަކަށް މާފު ކުރާށެވެ. ހެޔޮކަންތައް ކުރުމުގައި އެއްބާރުލާށެވެ. ނުބައިކަންތައްތަކާ ދުރުހެލިވާށެވެ. އެއްބަޔަކު އަނެއް ބަޔަކަށް ޒިޔާރަތް ކުރާށެވެ. ޢީދު ހަދިޔާ ބަދަލުކުރާށެވެ." ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ޢީދު ޚުތުބާގައިވަނީ އެމީހަކަށް ލިބިފައިވާ ތަނަވަސްކަމަކުން ފަޤީރުންނާއި، މިސްކީނުންނަށް އެހީވުމަށް ގޮވާލާފައެވެ. އަދި އެހެން މީހުންގެ ޙައްޤުތަކަށް އަރައި ނުގަތުމަށާ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމަށްވެސް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން އަޅުގަނޑުމެންގެ ޙަޔާތުގެ އަމާޒަކީ އިސްލާމްދީންކަމުގައި ހެދުމަށްވެސް މިއަދުގެ ޢީދު ޚުތުބާގައިވަނީ ބާރުއަޅުއްވާފައެވެ.