ކުޅިވަރު

ރާއްޖޭގެ އެކި ހިސާބުތަކުގައި ސިންތެޓިކް ޓްރެކް އަޅަނީ


އަތޮޅު ތެރޭގައި ކުޅިވަރު އިންފްރާސްޓްރަކްޗަރ އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިންތެޓިކް ޓްރެކް އަޅަން ފަށާނެކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަހޫލޫފް ވިދާޅުވެއްޖެއެވެ.

ބާވީސް ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމީޔާތުގައި ވާހަކަ ދައްކަމުން މިނިސްޓަރ މަޙުލޫފް ވިދާޅުވީ، އަތޮޅުތެރޭގެ ސްކޫލްތަކަށް ނިސްބަތްވާ އެތްލީޓުން މާލެ އައިސް ރަންވަނަތައް ހޯދައިގެން ދާތީ ވަރަށް އުފާވާކަމަށެވެ. ނަމަވެސް މި އެތްލީޓުން މާލެ އައިސް ރަންވަނަތަށް ހޯދާއިރު އަތޮޅުތެރޭގައި މި އެތްލީޓުން ޓްރެއިނިންތައް ކުރިޔަށް ގެންދިޔުމަށް ރަށްރަށުގައި އެންމެ ރަނގަޅު ފެސިލީޓީޒް ނެތްކަން މަހުލޫފް ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށާއި، އެންމެ ފުރަތަމަ މި މަސައްކަތް ފެށޭނެ ތަނަކަށް ބެލެވެނީ އައްޑޫ ސިޓީކަމަށް މަޙުލޫފް ވިދާޅުވިއެވެ. މަހުލޫފް ވިދާޅުވީ ހުރިހާ ކަމެއްވެސް އަބަދު ފޯކަސްވެފައި އޮންނަނީ މާލެއަށް ކަމަށާއި، މީގެ ބަދަލުގައި އަތޮޅު ތެރޭގެ ރަށްތަކަށް މި ފުރުސަތު ހޯދައިދޭންޖެހޭކަމަށެވެ.

މިމަހުގެ 4 އިން 8 ގެ ނިޔަލަށް މާލޭގައި ބޭއްވި ބާވީސް ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 43 ސްކޫލެއްގެ 142 ޓީމުން 1274 އެތްލީޓުން ވަނީ ވާދަކޮށްފައެވެ. މުބާރާތް ކުރިޔަށްގެންދިޔައީ 8 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. މި އަހަރުގެ މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލްތަކަކީ ޝަރަފުއްދީން ސްކޫލާއި ގދ. އަތޮޅު ތައުލީމީ މަރުކަޒު އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ.