ޚަބަރު

ޢީދަކީ ހީނަރުވެފައިވާ ޢާއިލީ ގުޅުންތައް ބަދަހިކުރުމަށް ލިބޭ ފުރުޞަތެއް - ރައީސް


ކޮންމެ ޢީދަކީ ހީނަރުވެފައިވާ ޢާއިލީ ގުޅުންތައް، ބަދަހިކުރުމަށް ލިބޭ ވަރަށް އަގުހުރި ފުރުޞަތެކަމަށާއި، މި ފުރުޞަތަކީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޢާއިލީ ވާޖިބެއްކަން ހަނދާނުގައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، އަޟްޙާ ޢީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައި ވެއެވެ.

ރައީސްގެ ޚިޠާބުގައި ޢީދުގެ އުފާ ފާޅުކުރުންތަކުގައި، މުޖްތަމަޢުގެ އެންމެން ބައިވެރިކޮށް، އިޖްތިމާޢީ ގުޅުންތަކާއި ޤައުމިއްޔަތުގެ ސިފަތައް ދިރުވައި އާލާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވި. އަދި، މި އުފާވެރި މުނާސަބަތުގައި އަމިއްލަ ޤައުމާއި ޢާއިލާއާ މާ ދުރުގައި، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވަމުން ގެންދަވާ، އަޚުންނާއި އުޚުތުންގެ މަތިން ހަނދުމަފުޅު އާކުރައްވައި ޢީދުގެ ތަހުނިޔާ ފޮނުއްވާފައިވޭ. މީގެއިތުރުން މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާ ހުރިހާ މުސްލިމުންނަށް، މަބްރޫރު ޙައްޖަކަށް ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގެންފައި ވެއެވެ.

އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ޢީދަކީވެސް، އޭގައި ވަރަށް ފުރިހަމަ އިޖްތިމާޢީ މާނަތަކެއް އެކުލެވިގެންވާ މުނާސަބަތެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އުފާވެރިކަން ފާޅުކޮށް، ތަހުނިޔާއާއި ހެޔޮއެދުންތައް ބަދަލުކުރާ ދުވަހެއްގެ ގޮތުގައި، ޢީދު ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، މުޅި މުޖްތަމަޢުގައި އުފާވެރިކަން ފަތުރާލުން ކަމަށެވެ.

މިފަދަ ކޮންމެ ޢީދަކީ ހީނަރުވެފައިވާ ޢާއިލީ ގުޅުންތައް، ބަދަހިކުރުމަށް ލިބޭ ވަރަށް އަގުހުރި ފުރުޞަތެކަމަށާއި، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޢާއިލީ ވާޖިބެއްކަން ހަނދާނުގައި ބެހެއްޓެވުން ވަރަށް މުހިންމުކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި، އަޟްޙާ ޢީދު އަންނަނީ ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން ކަމަށްވާއިރު، މި ޢީދުން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދެނީ، ކޮންމެ ކަމެއްގައިވެސް، މުޖްތަމަޢުގެ ފަރުދުންގެ މެދުގައި އޮންނަންޖެހޭ ޢަދުލުވެރިކަމާއި ހަމަހަމަކަމުގެ މަތިވެރި އުޞޫލުތައްކަމަށާއި، އެކަން މުޖުތަމަޢުގައި ފެތުރިގެންދާނީ، ތިމާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން، އަނެކުންގެ މަޞްލަޙަތަށް އިސްކަންދީ އަނެކުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.