ވިޔަފާރި

ޗައިނާ ފަތުރުވެރިންގެ އެންމެ މަޤްބޫލް 10 މަންޒިލްގެ ތެރޭގައި ރާއްޖެ!


ހުސްވިމަހު ޗައިނާގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް 10 މަންޒިލްގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޗައިނާގެ ޓޫރިޒަމާގުޅޭ މަޢުލޫމާތު ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ "މަފެންގވޯ"އިން އެކުލަލާފައިވާ ލިސްޓުގައިވާގޮތުން ޖުލައިމަހު ޗައިނާގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލް 10 މަންޒިލަކީ ޖަޕާން، ސިންގަޕޯރ، ތައިލޭންޑް، ވިއެޓްނާމް، ތުރުކީ، ދިވެހިރާއްޖެ، ސައުތު ކޮރެއާ، ފިލިޕީންސް، އޮސްޓްރޭލިއާއެވެ.

ޗައިނާގެ ފަތުރުވެރިންނަކީ ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް، ޗުއްޓީ ހޭދަކުރުމަށް ޝައުގުވެރިވާ ބައެކެވެ. އަދި ތަފާތު އެކި ކަހަލަ ތަޖުރިބާތައް ކުރުމަށްވެސް އެމީހުން ޝައުގުވެރިވެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ ޢަދަދު ފާއިތުވި އަހަރުތަކުގައި ދަށަށް ގޮސްފައިވީނަމަވެސް މިއަހަރުތެރޭ އެޤައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ވަނީ އަނެއްކާވެސް އިތުރުވާން ފަށާފައެވެ. ރާއްޖެއަށް އެއްޤައުމަކުން އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ %16.3 އަކީ ޗައިނާ ފަތުރުވެރިންނެވެ.

މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 140،265 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ހުސްވި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 127،412 ފަތުރުވެރިންނާއި އަޅާ ބަލާއިރު %10.1 އިތުރު އަދަދެކެވެ.

2015ވަނަ އަހަރާ ހަމައިން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އަހަރުން އަހަރަށް ބަލާއިރު ވަނީ ދަށަށް ދާން ފަށާފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެޤައުމުން ރާއްޖެއަށް ދުއިސައްތަ އަށްޑިހަ ތިން ހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ދެހާސް ސަތާރަވަނަ އަހަރާ އަޅާބަލާއިރު ހަތެއް ޕޮއިންޓް ހަޔެއް އިންސައްތަ އިތުރު ޢަދަދެކެވެ.