ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާންގެ މައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު މިހާރު އޮތީ ހައިކޯޓަށް ކަމުގައި ޤާނޫނީ ބައެއް ވަކީލުން ވިދާޅުވެއްޖެއެވެ.
ރިޟުވާނު ރަހީނުކުރިކަމަށް ބުނެ ޕީޖީން ދައުވާކުރި ދެމީހުންގެ މައްޗަށް ކުށްސާބިތުނުވެ ދޫކޮށްލުމުން އެމައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކޮށްފައިނުވާ މައްސަލާގައި ޕީއެސްއާ ވާހަކަދައްކަވަމުން ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލަކު ވިދާޅުވީ މިމައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު މިހާރު އޮތީ ހައިކޯޓަށްކަމަށެވެ.
ހައިކޯޓްގެ ޤަވާއިދު ބުނާގޮތުން 10 ދުވަހުގެތެރޭގައި ޕީޖީ އެމައްސަލަ އިސްތިއުނާފް ނުކޮށްފިނަމަ ކޯޓުގެ ޤަވާއިދުގެ ތެރެއިން ބަލަންޖެހޭ ކަންތައްތަކެއް ބެލުމަށްފަހު އިސްތިއުނާފް ކުރުމުގެ ފުރުސަތު ކޯޓަށް ލިބިފައިވާކަމަށް އޭނާވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަން ހިނގާފައިވާ ގޮތަށްބަލާއިރު ޕީޖީ އޮފީހުން މިކަމުގައި ފަރުވާކުޑަކޮށްފައިވާކަން އެގެން އެބައޮތްކަމަށެވެ. ސިވިލްކޯޓުން މައްސަލަ ނިމޭދުވަހު މައްސަލަ ނިންމައި ރިޕޯޓް ޕީޖީއޮފީހަށް ލިބޭއިރު، މިމައްސަލަ އިސްތިއުނާފު ނެކުރެވި އޮތްއޮތުމަކީ ފަރުވާކުޑަވުމުގެ ސަބަބުން ދިމާވިކަމަކަށްވެސް ވެދާނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިމައްސަލަ އިސްތިއުނާފް ކުރުމުގައި މިހާރު ޕީޖީ އޮފީހަށް ކުރެވޭނެކަމެއް ނެތްކަމަށާ، މިފަދަ ކަންކަމަކީ ކޯޓްތަކުގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން ވަކިމުއްދަތުތަކެއް ކަނޑައެޅިފައިވާކަންތައްތަކެއް ކަމުގައިވެސް ޤާނޫނީ ވަކީލް ވިދާޅުވިއެވެ.
ރިޟުވާން ގެއްލުވާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލި 2 މީހުންގެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފުކޮށްފައިނުވާކަމަށް ހައިކޯޓުގެ ލިޔުންތަކުން ހާމަވެއެވެ.