ޚަބަރު

އަދީބު ކޯޓަށް ހާޒިރުކުރި މަންޒަރު ނަގަން ފުލުހުން ހުރަސްއެޅިކަމަށްބުނާ މައްސަލަ ބަލަނީ


ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު ސުޕްރީމް ކޯޓަށް ހާޒިރުކުރެވުނު ވަގުތު އެ މަންޒަރު ނެގުމަށް މަސައްކަތްކުރި ކެމެރާމަނުންނަށް ފުލުހުން ހުރަސްއެޅި ކަމަށް ބުނާ މައްސަލައެއް މޯޑިވްސް މީޑިޔާ ކައުންސިލު( އެމްއެމްސީ)އިން ބަލަން ނިންމައިފިއެވެ.

އެމްއެމްސީއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު ސުޕްރީމް ކޯޓަށް ހާޒިރުކުރެވުނު ވަގުތު ނޫސްވެރިންގެ މަސައްކަތަށް ފުލުހުން ހުރަސްއަޅާފައިވާކަމުގެ ޝަކުވާ އެ ކައުންސިލުގެ މެންބަރުންނަށް ލިބިފައިވާ ކަމަށެވެ.

ނޫސްވެރިންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވާ ހުރަސްތައް ނައްތާލައި، ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމަށް މަސައްކަތް ކުރުމަކީ މީޑިޔާ ކައުންސިލްގެ ޤާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަމުން، އެކަން ކަންހިނގާފައިވާ ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އަދި އެ މައްސަލަ ދިރާސާކުރުމަށް އެ ކޮމިޓީއެއް އެކުލަވާލައި އެ މައްސަލަ ބަލަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.