ޢީދު ޗުއްޓީއަށް ރަށަށް ދިޔުމަކީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންގެ މެދުގައި ޒަމާނުއްސުރެ އޮތް އާދައެކެވެ. ޒަމާން ބަދަލުވެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް އައިނަމަވެސް ބަދަލުނުވާ އެއް އާދައަކީ ޢީދު ބަންދަށް އެބައެއްގެ ރަށަށް ދިޔުމަށް އޮތް ފޯރިއެވެ.
އެކިއެކި ޗުއްޓީތަކުގައި ގިނަބަޔަކު ރަށުން ބޭރަށް ދާ ދުވަސްވަރާ ދިމާކޮށް ވައްކަންކުރުންފަދަ މައްސަލަތައް އިތުރުވެގެންދާކަމަށް ފުލުހުން ފާހަގަކުރައްވައެވެ. އެހެންކަމުން މިފަދަ ކަންކަން މެދުވެރިވިޔަ ނުދިނުމަށް ދުރާލައި ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.
ކޮންކްރީޓް ޖަންގައްޔެއްފަދަ މާލެއިން ނުކުމެ އަމިއްލަ ރަށަށް ދާން ލިބޭ ކޮންމެ ފުރުސަތެއް ހަމަ ކޮންމެ މީހަކުވެސް މުހިންމުވާނެއެވެ. މިކަމުގެފޯރި އެންމެ ގަދަވެގެންދަނީ ބޮޑު ޢީދު ނުވަތަ އަޟުޙާ ޢީދު ބަންދުގައެވެ.
މިދުވަސްވަރު މުޅިމާލެ މުޅިންގެން ހުސްވެގެން ދާކަމުގެ އިހުސާސް ކުރެވެއެވެ. މަގުމަތީގެ ތޮއްޖެހުން ކުޑަވެ ވިޔަފާރި ކުރުމަށް އުޅޭ މީހުންވެސް މަދުވެއެވެ. މާލެގެ މަގުތައް ހަމަހިމޭންވެ ކާރޫބާރޫ ކުޑަވުމުގެ ހިތްހަމަޖެހުން މާލޭގައި މިދުވަސްވަރު ޗުއްޓީއަށް ނުގޮސް ތިބީ މީހުންކުރާއިރު، އެކަމުގެ ނާޖާއިޒު ފައިދާ ނަގައި އެކި ކަހަލަ ކުށްކުރާ މީހުންވެސް މަދެއްނޫނެވެ.
މިއީ ކޮންމެ އަހަރަކުވެސް ކުށްކުރުމާއި ކުށަށް އަރައިގަންނަ މިންވަރު އިތުރުވެގެންދާ ދުވަސްވަރެއްކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން މިދުވަސްވަރު ރަށުން ބޭރަށް ދަތުރުކުރާ ފަރާތްތަކުން މިކަންކަމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. ރަށުންބޭރަށް ދާއިރު މުދާ ރައްކާތެރިކުރުމަށް އިސްކަންދޭއިރު ގޭގެ އެކިތަންތަން ރަނގަޅަށް ތަޅުލުމާއި ގޭގައި މިދުވަސްވަރާއި ދިމާކޮށް ގިނަ ޢަދަދަކަށް ފައިސާ ނުބެހެއްޓުމަށްވެސް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.
ޢާއްމުކޮށް ސައިކަލް ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށަހެޅުން ގިނައެވެ. ބޮޑު ޗުއްޓީއެއްގައި ރަށުން ބޭރަށް ދާއިރު ސައިކަލަށް ސަމާލުވުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ. ޚާއްސަކޮށް ވޭވް ބްރޭންޑުގެ ސައިކަލުތައް ގެއްލިގެން ރިޕޯޓުކުރަމުން އަންނަ ނިސްބަތް އިތުރުކަން ފުލުހުން ފާހަގަކުރައްވައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޙަނީފް ވިދާޅުވީ ޢީދާ ގުޅިގެން މާލެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި ވާކަމަށެވެ. އަދި މިޢީދަކީ ޢާއްމުނަށް އަމާން ރައްކާތެރި ޢީދަކަށް ހެދުމަށް ފުލުހުންގެ އޮޕަރޭޝަންތަކަށް ބަަދަލުގެނެސް އިތުރު މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބަންދުތަކާއި ދިމާކޮށް އަންނަ ޕްރޮމޯޝަންތަކުގެ ނަމުގައި މީހުން އަތުން ފޭރުމުގެ މައްސަލަތައް ޢާއްމުވެފައިވާ ކަމަކީ މިދުވަސްވަރު ފުލުހުން ފާހަގަކުރައްވާ އަނެއް މައްސަލައެވެ. އެހެންކަމުން މިފަދަކަންކަމަށްވެސް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.
މީގެއިތުރުން އަތޮޅުތަކުގައި ޢީދު ފާހަގަކުރާއިރުވެސް އެއްވެސް މީހެއްގެ ނުރުހުމުގައި ކުޅިވަރުތަކުގައި ބައިވެރިނުކުރުމަށް ފުލުހުން އެދެއެވެ. އަދި މޫދު ކުޅިވަރުތައް ކުޅުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.
ޢީދާއި ދިމާކޮށް މުދާއުފުލާ އުޅަނދު ފަހަރުގައިވެސް މީހުން އުފުލަމުންދާކަން ފާހަގަކުރެވިފައިކަމަށް ފުލުހުން ވިދާޅުވެއެވެ. މިފަދަ އުޅަނދުތަކުގައި މީހުން އުފުލާ މިންވަރަށް ލައިފްޖެކެޓުތައް ނުހުންނަކަން ފުލުހުން ފާހަގަކުރެއެވެ. ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މެރިން ޕޮލިސްގެ އިންސްޕެކްޓަރ އޮފް ޕޮލިސް ސަލްމާން މުޙައްމަދު ވަނީ މިދުވަސްވަރާއި ދިމާކޮށް ރަށުން ފުރާ އުޅަނދުތަކުގައި ރައްކާތެރިކަމުގެ ހުރިހާ ވަޞީލަތެއް ހަމައަށް ހުރިތޯ ބެލުމަކީ އުޅަނދުގެ ވެރިފަރާތައި ދަތުރުކުރާ ފަރާތުގެ ޒިންމާއެއްގެ ގޮތުގައި ހެދުމަށް އިލްތިމާސްކުރައްވާފައެވެ.
އެހެންފަހަރުތަކާ ޚިލާފަށް މިފަހަރުގެ ޢީދަށް ފުރާ އުޅަނދުތަކުން މީހުން އުފުލުމަށް ޚާއްސަކޮށްފައިވާ އުޅަނދުތައް ބަރުކުރުމުގައި ސަމާލުކަންދޭންޖެހޭ މިންވަރަށް ސަމާލުކަން ދީފައިވާކަން ފާހަގަކުރެވޭކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު އުޅަނދު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށްވެސް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ. އަދި ޙާދިސާއެއް ހިނގައިފިނަމަ ގުޅަންޖެހޭ ފަރާތްތަކުގެ މަޢުލޫމާތު ސާފުކުރުމަށްފަހު ފުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.