ލ.ދަނބިދޫ އިންޖީނުގެއަށް ދިމާވި އަލިފާނުގެ ޙާދިސާގެ ސަބަބުން ކަރަންޓު ކެނޑިފައިވާތީ އެރަށަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަނުން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދަނބިދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެރަށުން ކަރަންޓު ކެނޑިފައިވާތީ އެ ރަށަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާކަމަށެވެ. ލ.ދަނބިދޫ އިންޖީނުގޭގައި ރޯވެ ބޭނުން ނުކުރެވޭވަރަށް ވަނީ އަދާފައެވެ.
ދަނބިދޫ އިންޖީނުގޭގައި ރޯވެފައިވަނީ މިރޭ އަށް ގަޑި ތިރީސްހާއިރުކަމަށް އެރަށު ކައުންސިލުން މަޢުލޫމާތުދެއެވެ. އަލިފާން ރޯވީ މިއަދު މަރާމާތު ކޮށްގެން ބޭނުންކުރަން ފެށި އިންޖީނެއްގައިކަމަށާ ބެލެވޭ ގޮތުން އަލިފާން ރޯވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް އެރަށު ކައުންސިލުން މަޢުލޫމާތުދެއްވައެވެ.
މިހާރު މުޅިރަށުން ކަރަންޓު ކެނޑިފައިވާއިރު ކަރަންޓު ދެވޭ ވަރުވާނީ ކޭބަލްތައް ރަނގަޅަށް ޗެކް ކުރުމަށްފަހުކަމަށް ކައުންސިލުން ވިދާޅުވެއެވެ. ދަނބިދޫގައި ކަރަންޓު ދޭން ބޭނުންކުރަނީ ތިން އިންޖީނެވެ. މިރޭ އަލިފާން ރޯވީ އެތަނުން އެއް އިންޖީނުގައެވެ. އެރަށު އިންޖީނު ގެއިން ގާތްގަނޑަކަށް 120 ވަރަކަށް ގެޔަށް ކަރަންޓުދެއެވެ.