ޚަބަރު

ފުރާ މީހުން ފަހުވަގުތަށް މަޑުނުކޮށް އަވަހަށް ޗެކިން ވުމަށް އެމްއޭސީއެލްއިން އިލްތިމާސްކޮށްފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ދަތުރުކުރާ މީހުން ވީހާވެސް އަވަހަށް ޗެކިން ވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އިން އިލްތިމާސްކުރައްވައިފިއެވެ.

އެމްއޭސީއެލް އިން ބުނީ މިދުވަސްވަރަކީ އީދު ބަންދަށް ގިނަ ބަޔަކު އެކި ތަންތަނަށް ދަތުރުކުރަމުންދާ ދުވަސްވަރެއްކަމުން އެއަރޕޯޓުގެ ތޮއްޖެހުން ކުޑަކުރުމަށް ވީހާވެސް އަވަހަށް ޗެކިން ވުމަށް އިލްތިމާސްކުރާކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރާ ފާރާތްތަކުން ފްލައިޓް ފުރުމުގެ 2 ގަޑިއިރުކުރިން ޗެކިން ވުމަށާއި ބޭރުގެ ޤައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން 3 ގަޑިއިރު ކުރިން ޗެކިންވުމަށް އިލްތިމާސްކުރެއެވެ.

އެމްއޭސީއެލްއިން ބުނީ ލަހުން ޗެކިންވާން ދާ މީހުން ގިނަވެ އެއަރޕޯޓް ތޮއްޖެހި ފްލައިޓްތައް ޑިލޭވުންފަދަ ކަންކަން ދިމާވިޔަ ނުދިނުމަށް ދުރާލައި ޗެކިންވުމަކީ މުހިންމު ކަމެއްކަމަށެވެ.

ކޮންމެ އަހަރަކުވެސް ޢިދާ ދިމާކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުން ރާއްޖޭގެ އެކި ރަށްރަށަށާއި ބޭރުގެ ޤައުމުތަކަށް ގިނަ ޢަދަދަކަށް ދަތުރުކުރެއެވެ. މިއަހަރުގެ އަޞްޙާ ޢީދާ ދިމާކޮށްވެސް ގިނަ އަދަދެއްގެ މީހުން މާލެއިން ފުރަން ފަށާފައިވާކަން ފާހަގަކުރެވެއެވެ.

މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ އާދިއްތަ ދުވަހެވެ.