ސިޔާސީ

ޝައިޚް އިމްރާންގެ މައްޗަށް ޖިނާއީ ދައުވާ ކުރައްވާނަން- ރައީސް


ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރ އަފްރާޝީމް އަލީ މަރާލިކަމުގެ ބަދުނާމު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިސްތަށިފުޅުގައި އަޅުވާފައިވާތީ ޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް ދައުވާކުރައްވާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.މާޅޮސްމަޑުލު އުތުރުބުރީ އިފުރުއެއަރޕޯޓް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އިސްތަށިފުޅުގައި އަފްރާޝިމް އަލީ އަވަހާރަކޮށްލުމުގެ ބަދުނާމު އަޅުވާފައިވާތީ އެތުހުމަތުކުރާފަރާތްތަކާއިދެކޮޅަށް ކުރައްވާނީ އަބުރުގެ ދައުވާނޫންކަމަށާއި ޖިނާއީ ދައުވާއެއްކަމަށެވެ. އަދި އެތުހުމަތުކުރާ ފަރާތްތަކަށް އެކަމުގެ ހައްގު ޖަޒާ ލިބިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.ފަހަކަށްއައިސް ސިޔާސީ އެކި އެއްވުންތަކުގައި އަފްރާޝިމް އަވަހާރަކޮށްލުމާއި ރައީސް އަބްދުﷲ ޔާމީނާއި އަދި ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބުގެ އިސްތަށިފުޅުގައި ތުހުމަތުއަޅު ސިޔާސީ އެކި ފަރާތްތަކުން ވާހަކަދައްކަވަމުން ގެންގޮސްފައިވެއެވެ.މިމައްސަލާގައި ޕޮލިސް ކޮމިޝަނަރ ހުސައިން ވަހީދު ދާދިފަހުން ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ އިސްތަށިފުޅުގައި އަފްރާޝިމް އަވަހާރަކޮށްލުމުގެ ތުހުމަތު އަޅުވާ ފަރާތްތަކުން އެތުހުމަތު އަޅުވަނީ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާކޮށްނޫންކަމަށާއި އަފްރާޝިމް އަވަހާރަކޮށްލި މައްސަލައިގެ ތަހްގީގުގައި މިހާތަނަށް ތުހުމަތުކުރެވުނު އެއްވެސް ފަރާތަކުން ރައީސް އަބްދުﷲ ޔާމީންއާއި ޓޫރިޒަމް މިނިސްޓަރ އަދީބްގެ ނަންފުޅު ގެނެސްފައިނުވާކަމަށެވެ. އަދި އެދެބޭފުޅުންގެ ނަންފުޅަކީ މިއަދުވެސް އެތަހްގީގުގައި އޮތް ދެނަންފުޅު ނޫންކަމަށާއި ތުހުމަތުކުރާ ފަރާތްތަކުން އެކަންކުރަނީ އެދެބޭފުޅުންގެ އަބުރުކަތިލުމުގެ ބޭނުންމުގައިކަމަށް ދެކެވަޑައިގަންނަވާކަމަށް ޕޮލިސް ކޮމިޝަނަރ ވިދާޅުވެފައިވެއެވެ.ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އަފްރާޝީމްގެ ހަނދާނުގައި އުނގޫފާރުގައި ބިނާއެއް ގާއިމުކުރައްވާނެކަމަށެވެ.ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ޝަރުއީ ދާއިރާއިން ކުރާ ހުކުމް ތަންފީޒުކުރައްވާނެކަމަށެވެ. އަދި ސިފައިންނާއި ފުލުހުން ފޮނުވައިގެން މީހުން ހައްޔަރުނުކުރައްވާނެކަމަށާއި އެހެންނަމަވެސް ގާނޫނީ އިމުގެ ބޭރުންކަންކަންކުރާ ފަރާތްތަކުން އެކަމުގެ ޒިންމާ އުފުލަންޖެހޭނެކަމަށް ވިދާޅުވިއެވެ.