ކުޅިވަރު

މި ސީޒަންގައި އީގަލްސް އެންމެ ދަށްކޮށް ކުޅުނު މެޗުގައި ވިކްޓްރީ އަތުން މޮޅުވެއްޖެ


ވިކްޓަރީ ބަލިކޮށް އީގްލަސް އިން ލީގު ތާވަލުގެ ދެވަނައިގައި އޮތް ދަގްރާންޑޭއާ ދެމެދުއޮތް ފަރަގު ކުޑަކޮށްފިއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗު އީގަލްސް ކާމިޔާބު ކުރީ ވިކްޓަރީ ވާދަކޮށް 3-1 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ އީގަލްސްއިން. މިލަނޑު މެޗުގެ ސާދަވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮއްދިނީ ހަސަން ރާއިފް އަހުމަދެވެ. މެޗުގައި އާދައިގެ ކުޅުމެއް ފެނިގެން ދިޔަ އީގްލަސްގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ ފުރަތަމަ ހާފް ނިމެނިކޮށެވެ. މެޗުގެ ސާޅީސް ތިންވަނަ މިނިޓްގައި މިލަނޑު އީގަލްސް ކާމިޔާބުކޮށްދިނީ މުހަންމަދު ނާއިމްއެވެ. ދެވަނަހާފްގައި އީގަލްސް އިތުރަށް ލީޑް ފުޅާކޮށްދިނީ އަހުމަދު ރިޒުވާންއެވެ.

މެޗުގައި ވިކްޓަރީ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ އިތުރުވަގުތު ތެރޭގަ އަހުމަދު ރަސްލާންއެވެ. މިއީ މިސީޒަންގައި ވިކްޓަރީ ޖެހި ފުރަތަމަ ލަނޑެވެ.

މެޗަށްފަހު ވާހަކަދައްކަމުން ވިކްޓަރީގެ ކޯޗު މުހަންމަދު އާދަމް ބުނީ ސްކޮޑުގަ ހިމެނޭ ކުޅުންތެރިން މަދުވުމަކީ މިވަގުތު އޭނާއަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށާއި މިހާރު ތިބި ކުޅުންތެރިންނާ އެކު ކުރިއެރުން ލިބެމުން އަންނަތަން ފެންނަމުން ދާކަމަށެވެ. މެޗުން ބަލިވިނަމެވެސް ނަތިޖާ މެދު ހިތްހަމަޖެހޭކަމަށް މުހަންމަދު އާދަމް ބުންޏެވެ.

" އަހަރެން ކުރިންވެސް ބުނިހެން މީގަ ދަނޑުމަތީގަ ތިބިކުޅުންތެރިން ކޮންމެ ގޮތެއް ހެދިޔަސް މިވަގުތު ނެތް ކުރެވޭނެކަމެއް ، މި ކުޅުންތެރިންނާއެކު މަޑުމަޑުން އިންޕުރޫވާތަން އެބަފެނޭ." ވިކްޓްރީގެ ކޯޗު ބުންޏެވެ.

މެޗަށްފަހު ވާހަކަދައްކަމުން އީގްލަސްގެ ކޯޗު މުހަންމަދު ޝިޔާޒް (މޯހަން) ބުނީ މިއީ މި ސީޒަންގައި އީގްލަސް އެންމެ ދަށްކޮށް ކުޅުނު މެޗުކަމަށާއި މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ކުރިޔަށް ދިގު ޗުއްޓީއެއް އޮތުމުން އޭގެއަސަރުކަމަށެވެ. މޯހަން ބުނީ މެޗު ފެށުނު އިރު ކުލަބުގެ އޮފިޝަލުން ވެސް ތިބީ ޗުއްޓީ މޫޑްގައިކަމަށެވެ.

" ޗުއްޓީވީމާ ކުޅުންތެރިންވެސް ޗުއްޓީގައި ތިބިތަން މިފެނުނީ އޮފިޝަލުންވެސް މުޅިޓީމްވެސް ޗުއްޓީގެ އިހްސާސް މާބޮޑަށް ކުރެވުނީ" މޯހަން ބުންޏެވެ.

މޯހަން ބުނީ މެޗަށް ތައްޔާރުވެވުނީ ވެސް ތަންކޮޅެއް ރިލެކްސްކޮށް ކަމަށާއި އެހެންވުމުން އޭގެ އަސަރުވެސް ފެނިގެންދިޔަކަމަށެވެ. މިމެޗުން ހޯދި މޮޅާއެކު އީގަލްސް އޮތީ ބާރަ ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އެއީ ތާވަލްގެ ދެވަނާގައިވާ ދަގްރާންޑޭއަށް ވުރެ އެއްޕޮއިންޓް މަދު އަދަދެކެވެ. ވިކްޓްރީއަށް އަދި ކުޅުނު އެއްވެސް މެޗަކުން މޮޅެއް ލިބިފަނުވެއެވެ.