ކުޅިވަރު

ރާއްޖެއާއި ލަންކާ ވާދަކުރާ އެކުވެރިކަމުގެ މެޗުގެ ފޯރިގަދަ ކުރަން ގިނަ ހަރަކާތްތަކެއް ހިންގަނީ!


މިމަހުގެ 12، 13 އަދި 14ވަނަ ދުވަހު ސްރީލަންކާއާއި ދެކޮޅަށް ރާއްޖޭގެ ކުޅޭ މެޗްތަކުގެ ފޯރި ގަދަ ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެންޕަވަރމަންޓް އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިމަހުގެ 18ވަނަ ދުވަހު ނޭޕާލްގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މިމެޗްތަކަކީ ގެއްލިފައިވާ ވޮލީގެ ފޯރި އަލުން ގެނައުމާއި ވޮލީގެ މަގުބޫލުކަން އިތުރުކުރުމަށް ކުޅެވޭ މެޗްތަކެއްކަމަށް ޔޫތް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ މަހުލޫފްގެ ދައުވަތަކަށް މާދަމާ ރޭ ރާއްޖޭ އައުމަށް ހަމަޖެހިފައިފާ ސްރީ ލަންކާގެ ގައުމީ ޓީމާއެކު ތިން މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ.

މިތިން މެޗްގެ ތެރެއިން އެންމެ ހާއްސަ މެޗަކީ މިމަހުގެ 13ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗްކަމަށްވެސް މިނިސްޓަރ މަހުލޫފް ފާހަގަކުރެއްވިއެވެ.

މިމެޗްގެ ފޯރި އިތުރު ކުރުމަށް މިނިސްޓްރީން ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާއިރު، ވ. އަތޮޅުންނާއި ކ.އަތޮޅުގެ ރަށްތަކުން ގިނަ ސްޕޯޓަރުންތަކެއް މާލެ ގެނައުމަށްވަނީ ހަމަޖެހިފައެވެ. އަދި މާލެ ސަރަހައްދުގެ ރިސޯޓްތަކުންވެސް ގިނަ މުވައްޒަފުން މިމެޗަށް މާލެ އަންނާނެކަމަށާއި މެޗްގެ ފޯރި ގަދަ ކުރުމަށް އިތުރު ހަރަކާތްތަކެއްވެސް ހިންގުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމީ ޓީމްގެ ކުރީގެ ސެޓަރު މުޙައްމަދު ރަނޭޝް ބުނީ ސެންޓްރަލް ޒޯން ވޮލީ މުބާރާތަކީ ދިވެހި ވޮލީއާއި ވަރަށް ބޮޑަށް ގުޅިފައިވާ މުބާރާތެއްކަމަށެވެ. އަދި މިމުބާރާތުން އެންމެވެސް ބޭނުންވަނީ ރަން މެޑަލްކަމަށާއި މިއީ މިއަދު ވޮލީއަށް އައިސްފައިވާ ކުރިއެރުން ދައްކުވައިދޭ ކަމެއްކަމަށެވެ.

ސެންޓްރަލް ޒޯން ވޮލީ މުބާރާތަކީ ރާއްޖެއިން ސިލްވާ މެޑަލް އަދި ބުރޯޒް މެޑަލްވެސް ހޯދާފައިވާ މުބާރާތެކެވެ. ރަނޭޝް ބުނީ މިއީ ރާއްޖޭގެ ވޮލީ ޓީމަށް ރަން މެޑަލް ހޯދުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތުކަމަށެވެ.

ކުރީގެ ގައުމީ ވޮލީޓީމްގެ ކުރީގެ ކުޅުންތެރިޔާ ފަތުހުﷲ ވަހީދު (ފައްލޯ)ބުނީ ކުރީގެ ވޮލީއާއި މިހާރުގެ ވޮލީ ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށެވެ. އަދި ސާބިޔާގެ ތަމްރިންތަކާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކުޅުނު ވާދަވެރި މެޗްތަކަށްފަހު، ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ގައުމީ ޓީމްއޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފަކަމަށެވެ. އަދި ސްރީލަންކާ ޤައުމީ ޓީމާއިއެކު ވާދަކުރާ މި ތިން މެޗަކީ މުބާރާތުގެ ކުރިން ޓީމް ޓެސްޓް ކޮށްލަން ލިބޭ ވަރަށް ރަނގަޅު މެޗްތަކެއްކަމަށް ފައްލޯ ބުންޏެވެ.

މިއީ ވޮލީގެ ތާރީޚުގައިވެސް ރާއްޖޭގައި ކުޅެވޭ ފުރަތަމަ އެކުވެރިކަމުގެ މެޗެވެ. މީގެ ކުރިން ރާއްޖޭގައި ބައިނަލްއަގްވާމީ މެޗުތަކެއް ކުޅުނު ނަމަވެސް އެއީ އެކި މުބާރާތްތަކުގައި ޓީމްތަކާއި ވާދަކުރި މެޗުތަކެވެ.