ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި


ސެޕްޓެމްބަރ މަހުގެ ފުރަތަމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގު މުއްދަތު އިތުރުކޮށްފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރިން އަންގާ އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 18 އޮގަސްޓް ދުވަހު ހަމަވާއިރު، މި މުއްދަތުގެ ތެރޭގައި ވަރަށް ގިނަ ސަރުކާރު ބަންދު ދުވަސްތަކެއް ހިމެނޭތީ، މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 25 އޮގަސްޓް ވަނަ ދުވަހުގެ ނިލަށް އިތުރުކޮށްފައިވާކަމަށެވެ. އެހެންކަމުން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ރަށު ކައުންސިލްއިން ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ޓީމުތަކުން 25 ވަނަ ދުވަހުގެ މެންދުރު 3 ޖެހުމުގެ ކުރިން ލިޔުމަކުން ފުޓްބޯޅަ އެސޯސިއޭޝަންއަށް މެއިލް ކުރަން ޖެހޭނެކަމަށެވެ.

ކޮންމެ އަތޮޅަކުން ދެ ޓީމަށް ވުރެއް ގިނަ ޓީމު ބައިވެރިވާނަމަ، އެ އަތޮޅު މުބާރާތުގެ މެޗުތައް ކުޅޭނީ އެ އަތޮޅެއްގެ އަތޮޅު މުބާރާތް ހޯސްޓު ކުރާ ރަށެއްގައެވެ. ދެ ޓީމު ބައިވެރިވާނަމަ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

ޒޯން މުބާރާތުގެ މެޗުތަށް ކުޅޭނީ ދެ ޓީމަށް ވުރެއް ގިނަ ޓީމު ހިމެނޭ ޒޯންތަކުގައި ސެންޓްރަލައިޒްކޮށެވެ. އަދި ދެ ޓީމު ބައިވެރިވާނަމަ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

އެކިއެކި އަތޮޅުގައި މުބާރާތް ފަށާ ތާރީހު އިއުލާން ކުރާނީ މުބާރާތުގައި ޓީމުތައް ބައިވެރިވެ ނިމުމުންނެވެ.

މިނިވަން ޗެމްޕިއަންޝިޕަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތެވެ. މިދިޔަ އަހަރު މި މުބާރާތް ކާމިޔާބު ކުރީ ތ. ތިމަރަފުށިންނެވެ.