ޚަބަރު

އައްޑޫގައި ޢިމާރާތްކުރާ 1500 ހައުސިންގް ޔުނިޓަށް ކުރިމަތި ލުމަށް ހުޅުވާލައިފި


އައްޑޫ ސިޓީގައި ސަރުކާރުން ޢިމާރާތްކުރަން ނިންމާފައިވާ 1500 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢޫގެ ދަށުން އައްޑޫގައި ޢިމާރާތްކުރާ މިހައުސިންގ ޔުނިޓްތަށް ޢިމާރާތްކުރުމުގައި ގޯތިލިބި އެހެންނަމަވެސް މާލީ ތަނަވަސްކަން ނެތުމުން ގެދޮރު ނޭޅިފައިވާ ފަރާތްތަކަށާއި އަލަށް ގޯތި ދޫކުރާ ފަރާތްތަކަށް ގެދޮރުއެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިމަޝްރޫއުގެ ދަށުން އައްޑޫގެ 6 އަވަށެއްގައި ހައުސިންގް ޔުނިޓް އިމާރާތްކުރުމަށް ވަނީ ނިންމާފައެވެ. އައްޑޫސިޓީ ކައުންސިލުން މައުލޫމާތު ދެއްވިގޮތުގައި މިމަޝްރޫޢޫގެ ދަށުން ޢިމާރާތްކުރަނީ 900 އަކަފޫޓުގެ ބޮޑުމިނުގެ ގެތަކެކެވެ.

މިމަޝްރޫޢުގެދަށުން އައްޑޫސިޓީގައި އެންމެ ގިނަ ހައުސިންގް ޔުނިޓް ޢިމާރާތްކުރަނީ ހިތަދޫގައެވެ. ހިތަދޫގައި 712 ހައުސިންގް ޔުނިޓް ޢިމާރާތްކުރަން ވަނީ ނިންމާފައެވެ. އަދި މަރަދޫގައި 164، މަރަދޫ-ފޭދޫގައި 81، ފޭދޫގައި 247، ހުޅުދޫގައި 165 އަދި މީދޫގައި 131 ހައުސިންގް ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫއާ ގުޅިގެން އައްޑޫސިޓީ ކައުންސިލުން މީގެކުރިން ވިދާޅުވެފައިވަނީ މިމަޝްރޫޢޫގެ ތެރެއިން އައްޑޫގައި ހުރި ފަޅުގޯތިތަކުގެ މައްސަލައަށް ހައްލެއް ލިބިގެން ދާނެކަމަށެވެ. މިފަދަ ގޯތިތަށް ލިބި ގެއެއް ޢިމާރާތްނުކުރެވި ވަނީ ކީއްވެތޯ ބަލައި، އެފަދަ ފަރާތްތަކަށް ހައުސިންގް ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވޭނެކަމަށްވެސް މޭޔަރު ޢަބްދުﷲ ޞާދިޤު ވިދާޅުވިއެވެ.

މި ހައުސިން ޔުނިޓުތަކަށް ފައިސާ ދައްކާއިރު، ޑައުންޕޭމެންޓެއް ދޭން ނުޖެހޭނެ ކަމަށާއި، ފައިސާ ދައްކައި ޚަލާސް ކުރުމަށް 20 އަހަރުދުވަސް ލިބޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.