ޚަބަރު

އެމްއެމްޕީއާރުސީގެ ރޯޑް ޝޯވ މިފަހަރު ދެކުނު އޭޝިއާގައި


އެމްއެމްޕީއާރުސީގެ ސިލްސިލާ ރޯޑްޝޯވ "ޖާރނީ ޓު ދަ ސަނީ ސައިޑް" ދެކުނު ކޮރެއާގައި ފަށައިފިއެވެ.

މިއީ ދިވެހިރާއްޖެ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށްޓަކައި އެމްއެމްޕީއާރުސީއިން ސިލްސިލާގޮތެއްގައި ކުރިއަށްގެންދާ ހަތަރުވަނަ ރޯޑް ޝޯއެވެ. މި ރޯޑް ޝޯވ ކުރިއަށްދާނީ އޮގަސްޓު 6 އިން 9 އެއްގެ ނިޔަލަށް ކޮރެއާގެ ސޯލް އަސި ބުސާން ސިޓީގައެވެ.

މި ރޯޑް ޝޯވ ގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރަތްތައް ސައުތު ކޮރެއާގެ އޮޕަރޭޓަރުންނާއި ބައްދަލުކޮށް ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.

އެމްއެމްޕީއާރުސީއާއެކު މި ރޯޑްޝޯވގައި ވައްކަރު މޯލްޑިވްސް، ސްޕްލެންޑިޑް އޭޝިއާ، ހުޅުލޭ އައިލެންޑް ހޮޓެލް، އިއޮން ރިސްޓްސް، ވިލާހޮޓެލްސް އެންޑް ރިސޯޓްސް، ފުރަވެރި އައިލެންޑް ރިސޯޓް، ބަނޑޮސް މޯލްޑިވްސް އަދި އޯރކާ މީޑިއާ ގްރޫޕް ބައިވެރި ވެއެވެ.

މި ހަރާކާތް ކުރިއަށްގެންދާ ދެ ސިޓީގައިވެސް ގުރުޢަތުން ހޮވޭ ދެ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދެވޭނެކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.

އެމްއެމްޕީއާރުސީއިން ބުނީ އެކުންފުނިން ކުރިއަށްގެންދާ މި ސިލްސިލާ ރޯޑް ޝޯވތަކަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތަރުޙީބު ލިބެމުންދާކަމަށެވެ.

ދެކުނު ކޮރެއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ މުހިއްމު މާކެޓެކެވެ. އެގޮތުން 2018 ވަނަ އަހަރުވެސް ރާއްޖެއަށް ދެކުނު ކޮރެއާއިން 34،400 ފަތުރުވެރިން ޒިޔާރާތްކުރިއެވެ.

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 17،358 ފަތުރުވެރިން ދެކުނު ކޮރެއާއިން ޒިޔާރާތްކުރިއިރު މިއަދަދަކީ 2013 ވަނަ އަހަރާއި އަޅާބަލާއިރު 9.1 އިންސައްތައިގެ ކުރިއެރުމެކެވެ.