ވިޔަފާރި

ފަތުރުވެރިކަމުގެ ދާއިރާގެ ޝަރަފުވެރި 3 އެވޯޑެއް ރާއްޖެއަށް


ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް - "ވޯލްޑް ޓްރެވެލް އެވޯޑްސް"ގެ އިންޑިއާ ކަނޑުގެ ޝަރަފުވެރި ތިން އެވޯޑެއް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.

މި އެވޯޑް ރާއްޖެއަށް ލިބިފައިވަނީ މޮރީޝިއަސްގައި ކުރިއަށްދިޔަ "ވޯލްޑް ޓްރެވެލް އެވޯޑްސް" ގެ އިންޑިއަން އޯޝަން އަދި އެފްރިކާ ސަރަޙައްދުގެ އެވޯޑު ހަފްލާގެ ތެރެއިންނެވެ.

ވޯރލްޑް ޓްރެވެލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ދަތުރުފަތުރާއި މެހުމާންދާރީގެ ދާއިރާއިން ކުރިއަރަމުންދާ ޤައުމުތަކުގެ މަސައްކަތްތައް ފާހަގަކުރުމަށްޓަކައި 1993 ވަނަ އަހަރު ދެމުން އަންނަ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ.

ދުނިޔޭގެ 8 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ މިއެވޯޑުގެ އިންޑިއަން އޯޝަން ކެޓަގަރީއަށް އިނާމު ދީފައިވާއިރު ރާއްޖެއަށް މި ސަރަޙައްދުން 3 އެވޯޑެއް ވަނީ ލިބިފައެވެ. އެގޮތުން އިންޑިއާ ކަނޑުގެ ލީޑިންގ ޑައިވް ޑެސްޓިނޭޝަންގެ އެވޯޑު، ލީޑިންގ ބީޗް ޑެސްޓިނޭޝަންގެ އެވޯޑު އަދި ލީޑިންގ ހަނީ މޫން ޑެސްޓިނޭޝަންގެ އެވޯޑު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. ރާއްޖެ މި ތިން އެވޯޑު ހާސިލްކޮށްފައިވަނީ މޮރީޝަސް، މަޑަގަސްކަރު އަދި ސީޝެލްސްއާއި ވާދަކޮށްގެނެވެ.

މި އެވޯޑުތަކުގެ އިތުރުންވެސް އިންޑިއާ ކަނޑުގެ ސަރަޙައްދުން ރާއްޖޭގެ ރިސޯޓުތަކާއި ހޮޓެލްސް އަދި ޓުއަރ އޮޕަރޭޓަރުންނަށް ގިނަ އެވޯޑުތަކެއް ލިބިފައިވެއެވެ. އެގޮތުން 12 ރިސޯޓަކަށް ސަރަޙައްދީ ފެންވަރުގެ އެވޯޑުތަކެއް ލިބިފައިވެއެވެ. މި ކެޓަގަރީގައި ވާދަކުރި އެހެން ޤައުމުތަކާއި ބަލާއިރު އެންމެ ގިނަ އެވޯޑުތައް ލިބިފައިވަނީ ރާއްޖޭގެ ރިސޯޓުތަކަށެވެ.

ސަރަޙައްދީ އެވޯޑުތަކުގެ އިތުރުން ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން ވެސް 16 ރިސޯޓަކަށް ވަނީ ޝަރަފްވެރި ވަނަތަކެއް ލިބިފައެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްގެ ދުނިޔޭގެ ފެންވަރުގެ އެވޯޑުތައް އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރުމަހުގައެވެ. އެގޮތުން ސަރަޙައްދީ ފެންވަރުގައި އެވޯޑުތަކުގެ ތެރެއިން އެންމެ ޝަރަފުވެރި އެވޯޑުތައް މި ހަފްލާގައި ދެވޭނެއެވެ.

މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހު އޯމާނުގެ ވެރިރަށް މުސްކަޓްގައެވެ. މިއަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްސްއިން ވެސް ރާއްޖެއަށް ޝަރަފުވެރި ވަނަތަކެއް ލިބޭނެކަމަށް އުއްމީދުކުރެވޭއިރު 2018 ވަނަ އަހަރުވެސް ރާއްޖެއަށް ވަނީ ދުނިޔޭގެ އެންމެ މަޤްބޫލު ޑައިވް މަންޒިލްގެ ޝަރަފުވެރި އެވޯޑު ލިބިފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް ދެމުން އަންނަތާ މިއަހަރަށް 25 އަހަރު ފުރިފައިވާއިރު މިއީ މިދާއިރާގެ އޮސްކާގެ ގޮތުގައި މަޝްހޫރުވެފައިވާ އެވޯޑެކެވެ.