ޔޫރަޕްގެ އިއްތިހާދުގެ ޤައުމު ތަކަށް ވިސާއާއި ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އީޔޫގެ ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް ފެޑެރިކާ މޮގެރިނީ މަޝްވަރާކުރައްވައިފިއެވެ.
ހައި ރެޕްރެޒެންޓެޓިވް އޮފް ދި އީޔޫ ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަން ގެ ވައިސް ޕްރެސިޑެންޓް ފެޑެރީކާ މޮގްރެނީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފެޑެރީކާ މޮގެރީނީ ރާއްޖެ ވަޑައިގެންވެވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، މަރުޙަބާ ވިދާޅުވެފައެވެ. އަދި މިބައްދަލު ކުރެއްވުމުގައި ރާއްޖެއާ ޔޫރަޕުގެ ޤައުމުތަކުގެ އިއްތިހާދާ ދެމެދު އޮންނަ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޔޫރަޕްގެ އިއްތިހާދުން ރާއްޖެއަށް އެކި ރޮނގުތަކުން ދެމުން ގެންދާ މާލީ އެހީތެރިކަން ފާހަގަ ކުރައްވައި މޮގްރެނީއަށް ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން އީޔޫއިން ލޯން އެހީގެ ގޮތުގައި މިއަހަރު ދީފައިވާ 45 މިލިއަން ޔޫރޯ އާއި ގްރާންޓް އެގްރީމެންޓެއްގެ ދަށުން 5 މިލިއަން ޔޫރޯގެ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ރާއްޖެއިން އީޔޫގެ ބާޒާރަށް ވިއްކާ ކަނޑުމަހާއި މަހުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް މަގުފަހިކޮށްދިނުމާއި ޔޫރަޕްގެ އިއްތިހާދުގެ ޤައުމު ތަކަށް ވިސާއާއި ނުލައި ދިވެހީންނަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމާއި ބެހޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި މޮގެރީނީ ދެއްކެވި ވާހަކަފުޅުގައި މި ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ޑިމޮކްރަސީގެ އުސޫލުތައް ކުރިއެރުވުމަށް ކުރަމުން ގެންދާ މަސައްކަތް ފާހަގަކުރައްވައި މީގެ ސަބަބުން ޔޫރަޕްގެ އިއްތިހާދާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށް ހަރުދަނާ ބިންގަލެއް އެޅިފައިވާކަން ފާހަގަކުރެއްވިއެވެ.
މޮގެރެނީގެ ވާހަކަފުޅުގައި ވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙް ހޯއްދެވި ކާމިޔާބީއާ ރައްޔިތުންގެ މަޖިލީހުގެ އިންތީޚާބުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ.
ދެ ލީޑަރުން ވެސް ވަނީ ޔޫރަޕުގެ އިއްތިހާދާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ޚާއްޞަކޮށް ސަލާމަތީ ކަންކަމުގައާއި، ފަތުރުވެރިކަމުގައާއި، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާފަދަ ދާއިރާތަކުން ގުޅުން ބަދަހި ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މީގެއިތުރުން ދެ ބޭފުޅުން ވަނީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް އަދިވެސް މަސައްކަތްތަކެއް ކުރަންހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމުގެ ގޮތުން ކޮރަޕްޝަން ނައްތާލުމާއި ޝަރުޢީ ނިޒާމު ހަރުދަނާކުރުމާ އަދި މިނޫސްވެސް ހިންގުމުގެ ދާއިރާ ހަރުދަނާކުރުމާއި ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ކަންކަމުގައި ޔޫރަޕުގެ އިއްތިހާދުން އެހީތެރިކަން ފޯރުކޮށްދެވިދާނެކަން މޮގެރީނީ ވަނީ ފާހަގަކުރައްވާފައެވެ.