މިއަހަރުގެ ޖުލައިމަހު މީރާ މެދުވެރިކޮށް ދައުލަތަށް 2.16 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ހުސްވި މަހު ލިބުނު އާމްދަނީގެ އަދަދަކީ 2018 ވަނަ އަހަރުގެ ޖުލައިމަހު މީރާއަށް ލިބުނު އާމްދަނީއަށްވުރެ %1.3 އިތުރު އަދަދެކެވެ. އެހެންނަމަވެސް، މިއީ މި އަހަރުގެ ޖުލައިމަހު ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއާ އަލާބަލާއިރު %1.3 ދަށް އަދަދެކެވެ.
މީރާއިން ބުނީ މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާ ބަލާއިރު މިއަހަރުގެ ޖުލައިމަހު ލިބުނު އާމްދަނީ އިތުރުވެފައިވަނީ ޓީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމުންކަމަށެވެ. އަދި މިއަހަރުގެ ޖުލައިމަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދަށްވެފައިވަނީ ޖީ.އެސްޓީ އަދި ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުމުން ކަމަށެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ހުސްވިމަހު ދައުލަތަށް އެންމެ ބޮޑު އާއްދަނީއެއް ލިބިފައިވަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް، ބީ.ޕީޓީ އިންނެވެ. އެއީ 873.71 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންްނެވެ. އެއީ 510.73 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ޓޫރިޒަމްގެ ކުލީގެ ގޮތުގައި 436.10 މިލިއަން ރުފިޔާ، ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 67.31 މިލިއަން ރުފިޔާ، އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 50.17 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 220.79 މިލިއަން ރުފިޔާ ލިބިފައިވެއެވެ.