ކުޅިވަރު

ޑޭވިޑް ލުއިޒް އާސެނަލްއަށް


ޗެލްސީގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އާސެނަލް އަށް ބަދަލުވުމަށް ބޮޑާ ހާކަން ފަށައިފި އެވެ.

ބްރެޒިލްގެ ޑިފެންޑަރު އާސެނަލް އަށް ބަދަލުވާން ބޭނުންވާ ވަކި ސަބަބެއް އިނގިރޭސި މީޑިޔާތަކުން ނުބުނެ އެވެ.

ނަމަވެސް ޗެލްސީގެ އާ ކޯޗު ފްރޭންކް ލަމްޕާޑު މިވަގުތު ހުރީ ކުޅުންތެރިޔާ އާސެނަލް އަށް ދޫކޮށްލާ ގޮތަށް ކަމަށްވެ އެވެ. އޭނާ ވިއްކާލަން ޗެލްސީން ކިޔާ އަގަކީ ފަސް މިލިއަން ޕައުންޑެވެ. ނަމަވެސް މިހާތަނަށް އަދި އާސެނަލްއިން ރަސްމީކޮށް ބިޑް ހުށަހަޅާފައިނުވެ އެވެ.

ލުއިޒް ދެ ވަނަ ފަހަރަށް ޗެލްސީއާ ގުޅުނީ މީގެ ދެ އަހަރު ކުރިންނެވެ. އަދި އާ ކޮންޓްރެކްޓްގައި ސޮއިކުރިތާ މާގިނަ ދުވަހެއްނުވެ ކުލަބު ބަދަލު ކުރަން އޭނާ ބޭނުންވީ ފުރަތަމަ 11ގެ ޖާގަ ޔަގީން ކުރަން ކަމަށް ބައެއް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

އުމުރުން މިހާރު 32 އަހަރުގެ ކުޅުންތެރިޔާ އަކީ ބްރެޒިލްގެ ގައުމީ ޓީމުން ޖާގަ ދޭ ކުޅުންތެރިއެއްނޫނެވެ. ސަބަބަކީ ގައުމީ ކޯޗާ ގުޅުން ގޯސްވުމެވެ.