އެމްޑީޕީ ޒުވާނުންގެ ގޮފީގެ ކޮންގްރެސް މިމަހުގެ 30 އާއި 31ގައި ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީގެ ކޮންގްރެސްއާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޒުވާނުންގެ ގޮފީގެ ރައީސް މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ މިއީ އެމްޑީޕީގެ ޒުވާނުންގެ ކްގްރެސް ބާއްވާ ފުރަތަމަ ފަހަރުކަމަށެވެ. މިކޮންގްރެސްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ގޮފިތަކުގައި ހަރަކަތްތެރިވާ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިގެން ބޭއްވޭ ކޮންގްރެސްއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ ކޮންގްރެސްއެއް ބޭއްވުމުގެ އެންމެބޮޑު މަގުސަދަކީ ސިޔާއީ މައިދާނުގައި ޒުވާނުންނަށް އިތުރު ފުރުސަތު ތަނަވަސްކޮށްދީ ޒުވާނުން ބާރުވެރިކުންކަމުގައި މީކާއިލް ވިދާޅުވިއެވެ. މި ކޮންގްރެސް އޮންނާނީ މިމަހުގެ 30 އިން 31 އަށް ހުޅުމާލެ ހުރަވީ ސްކޫލުގައިކަމަށް މީކާއިލް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައ ވާހަކަ ދައްކަވަމުން ކޮންގްރެސްގެ ކަންކަން ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މީކާއިލް ވިދާޅުވީ ފުޅާދާއިރާއެއްގައި ޒުވާނުންނަށް އެބޭފުޅުންގެ ޙިޔާލް ހުށަހެޅުމެގެ އިތުރުން ޕާޓީގެ ކުރިމަގާއިމެދު ޒުވާނުންގެ ދައުރު ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.