ވިޔަފާރި

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 186 މިލިއަން ރުފިޔާ


މިއަހަރުގެ ދެވަނަ ކުއާޓަރގައި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 186 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިއީ ދެވަނަ ކުއާޓަރގައި ލިބުނު ޖުމްލަ އާމްދަނީގެ 4.7 އިންސައްތައެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ، 1 މޭ 2017 ނުވަތަ އެ ދުވަހުގެ ފަހުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، އެއަރޕޯޓް ސަރވިސް ޗާޖްގެ އިތުރުން، ނެގޭ ފީއެކެވެ.

މި ފީ ނެގޭ ރޭޓަކީ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 އެމެރިކާ ޑޮލަރެވެ. މި ފީއިން އިސްތިސްނާ ކުރެވިފައިވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރގެ މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރގައި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އަދަދަކީ ހުސްވި އަހަރުގެ ދެވަނަ ކުއާޓަރގައި ލިބުުނު އާމްދަނީ ކަމުގައިވާ 159 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 16.5 އިންސައްތަ އިތުރު އަދަދެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފުރާ މީހުންގެ އަތުން އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މޭމަހުގެ އެއްވަނަ ދުވަހުއެވެ. އަދި މި ފީތައް މީރާއަށް ޖަމާކުރަން ފަށާފައިވަނީ އެ އަހަރުގެ ޖޫންމަހުން ފެށިގެންނެވެ.