ވިޔަފާރި

"މޫލީ"ގެ ނަމުގައި އުރީދޫއިން ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފްކޮށްފި


ވިޔަފާރީގެ މުޢާމަލާތްތައް ޑިޖިޓަލްކުރުމަށް އުރީދޫއިން "މޫލީ"ގެ ނަމުގައި ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފްކޮށްފިއެވެ. މިއީ ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ކުންފުންޏަކުން މިފަދަ ޚިދުމަތެއް ތަޢާރަފްކުރި ފުރަތަމަ ފަހަރެވެ.

ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް، "މޫލީ" ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. މިރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި އުރީދޫ މޯލްޑިވްސްގެ އިސްފަރާތަކުން ބައިވެރިވެފައިވެއެވެ.

"މޫލީ" މިޕްލެޓްފޯމަކީ ވިޔަފާރީގެ މުޢާމަލާތްތައް ޑިޖިޓަލައިޒްކޮށް ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުރީދޫއިން އެކުލަވާލާފައިވާ ޕްލެޓްފޯމެކެވެ. ދިވެހި ރަދީފަށް މުޅިން އަލަށް ތަޢާރަފްކޮށްފައިވާ "މޫލީ" މި ބަހުގެ މާނައަކީ މުލެވެ. އުރީދޫއިން ބުނީ އެކުންފުނިން ތަޢާރަފްކުރި މި ޕްލެޓްފޯމާއެކު މުޅި ރާއްޖެއަށް މި ޚިދުމަތްފުޅާވެގެންދާނެކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ލިބުނު ކާމިޔާބީއާއެކު ކަސްޓަމަރުންނާއި ހަމައަށް އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އުރީދޫގެ އަމާޒެއްކަމަށެވެ. އެހެންކަމުން، "މޫލީ" އާއެކު ކުންފުނީގެ ޚިދުމަތްތައް މުޅިންހެން ޑިޖިޓަލައިޒް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިޕްލެޓްފޯމާއެކު ރާއްޖޭގެ ވިޔާފާރީގެ މާހައުލު ޑިޖިޓަލައިޒްވެ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތައް ލިބިގެންދާނެކަމަށްވެސް އުރީދޫގެ ސީއީއޯ ވިދާޅުވިއެވެ.

"ޚިދުމަތުގެ ފެންވަރާއެކު ކޮންޓެންޓު އިތުރުކުރުމަކީ އުރީދޫގެ މަޤުސަދެއް. އުރީދޫއިން ތަޢާރަފްކުރި މޫލީ މިޕްލެޓްފޯމަކީ ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ޚިދުމަތެއް މިއީ އެމެޒޯން މަސައްކަތްކުރާނެހެން މަސައްކަތްކުރާނެ ޕްލެޓްފޯމެއް. އަދި ކުދި ފަންތިގެ ވިޔަފާރިވެރިންނާމެދު ފަންތީގެ ވިޔަފާރިވެރިންނަށް މި ޕްލެޓްފޯމް މެދުވެރިކޮށް އެއްޗިހި ވިއްކާ ހެދުމަކީ ލިބޭނެ ފަސޭހައެއް." ނަޖީބް ޚާން ވިދާޅުވިއެވެ.

މިޕްލެޓްފޯމް މެދުވެރިކޮށް ޕްރީޕެއިޑް، ޕޯސްޓް ޕެއިޑް، ސުޕަރނެޓް، ސްމާޓްފޯން އިންޓަރނެޓް ގެޖެޓްސް އަދި މިފަދަ ތަފާތު ސާމާނު ގަންނަން ލިބެން ހުންނާނެކަމަށް އުރީދޫއިން ބުނެއެވެ. އަދި ކުރިއަށްއޮތް ތަނުގައި މި ޕްލެޓްފޯމަށް އައު ގެޒެޓްސްތަކާއި ސާމާނު އިތުރުކުރެވިގެންދާނެކަމަށް އުރީދޫއިން ބުނެއެވެ.

"މޫލީ" މެދުވެރިކޮށް ގިނަ ވިޔަފާރިތަކަށް ތަކެތި ވިއްކުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ތަކެތި ގަންނަ ފަރާތްތަކަށް ޑެލިވަރީގެ ޚިދުމަތް ހިލޭ ލިބިގެންދާނެކަމަށް އުރީދޫއިން ބުނެއެވެ. އެގޮތުން މުޅި ރާއްޖެއަށް ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު ޑެލިވަރީގެ ޚިދުމަތްތައް ކުރުމަށް ހަމަޖެހިފައިވަނީ އީކޮމާސް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްކަމަށްވާ ރެޑްބޮކްސް މޯލްޑިވްސްއެވެ.

އުރީދޫއިން ބުނީ މިޕްލެޓްފޯމް މެދުވެރިކޮށް ތަކެތި ގަންނަ ފަރާތްތަކަށް ތަކެތިގަންނަ ހިސާބުން ފެށިގެން އަތަށް ލިބުމާހަމައަށް ކުރެވޭ މުޢާމަލާތްތައް މިޕްލެޓްފޯމް މެދުވެރިކޮށް ކަސްޓަމަރުންނަށް ފެންނާނެކަމަށެވެ.

މޫލީގެ ޚިދުމަތް ލިބޭނީ އުރީދޫގެ "މައި އުރީދޫ" އެޕުންނެވެ. މިޚިދުމަތް ހޯދުމަށް މިއެޕަށްލޮގިން ކުރެއްވުމަށްފަހު ފޯން ނަމްބަރު ޖެހުމާއެކު މޫލީއަށް ލޮގިން ވެވޭނެއެވެ. އަދި އެއަށްފަހު މޫލީއިން ލިބެން ހުރި ތަފާތު ސާމާނުތައް ބަލާލެވޭނެއެވެ.

މޫލީގެ މިޚިދުމަތް މަސައްކަތްކުރާނީ "އެމެޒޮން" "އަލީ އެކްސްޕްރެސް" "އީބޭ" ފަދަ ނެޓްވޯކްތައް މަސައްކަތްކުރާ ގޮތަށެވެ. އުރީދޫއިން ބުނީ މޫލީ މެދުވެރިކޮށް ގަންނަ ތަކެއްޗަށް "އުރީދޫ އެމް-ފައިސާ" އަދި ޑެބިޓް ނުވަތަ ކްރެޑިޓް ކާޑުން ފައިސާ ދެއްކޭނެކަމަށެވެ. އަދި ކަސްޓަމަރުން ގަންނަ ތަކެތި އޯޑަރުކުރާތާ އެންމެ މަދުވެގެން 3 ދުވަސްތެރޭ ޑެލިވަރީކޮށްދެވޭނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްއަށް ފާއިތުވެދިޔަ އަހަރުތަކުގައި ބޮޑެތި ކާމިޔާބީތަށް ލިބިފައިވާއިރު އުރީދޫއިން ދަނީ އެކުންފުނީގެ ޚިދުމަތްތައް ފުޅާކޮށް އައު ޚިދުމަތްތައް ތަޢާރަފްކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ ތޭރޭ އުރީދޫއިން ވަނީ ރާއްޖެއަށް އީ-ސިމް ތަޢާރަފްކޮށްފައެވެ. އުރީދޫއިން އަލަށް ތަޢާރަފްކުރި އީ-ކޮމާސް ޕްލެޓްފޯމް "މޫލީ" އާއިއެކު އެކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް އުރީދޫއިން ޤަބޫލުކުރެއެވެ.