ޚަބަރު

އެންމެ ބޮޑު މަސައްކަތަކީ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުން - އެމްއެންޑީއެފް


ދިވެހި ސިފައިންގެ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ކުރައްވަނީ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކަމަށް ޤާއުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ނެރެދެއްވި ސިފައިންގެ ކެޕްސްޓޯން ޑޮކްޓްރިންގެ ދަށުން ކުރެއްވެމުންދާ މުހިއްމު މަސައްކަތްތައް ޙިއްސާކުރައްވާފައެވެ.

މިކަމާއި ގުޅޭގޮތުން ޤައުމީ ދިފާޢީ ބާރުގެ ޗީފް ސްޕޯކްސްޕާސަން ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވަނީ ސިފައިންގެ ކެޕްސްޓޯން ޑޮކްޓްރިންއަށް އިތުރުކުރެވުނު ބައިތަކާއެކު ސިފައިންގެ މުއައްސަސާއަށް ގެންނަމުންދާ އިސްލާޙީ ބަދަލުތަކެއް ގެންނަމުންދާކަމަށެވެ.

އެގޮތުން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޚާއްސަ އިސްކަމެއްދީގެން އަސްކަރިއްޔާއަށް ބޭނުންވާ ތައުލީމާއި ތަމްރީނު ބޭރުގެ ފަރާތްތަކާއި ގުޅިގެން ހޯދުމުގެ މަސައްކަތް އައު ލީޑަރޝިޕުން ކުރައްވަމުން ގެންދަވާކަމަށެވެ.

"އަޅުގަނޑުމެންގެ އިއްޒަތްތެރި ވަޒީރު ކުރައްވާ ދަތުރުފުޅުތަކުގައިވެސް އެންމެ އިސްކަމެއްދެއްވާ އެއްކަމަަކީ އަޅުގަނޑުމެންގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމައްޓަކައި ބޭނުންވާ ވަސީލަތްތަކާއި، އަދި ބޭރުގެ ޤައުމުތަކާއި އެކީ ބާއްވަންޖެހޭ ގުޅުންތައް ބޭއްވުމާއި އެކީގައި ތައުލީމާއި ސިފައިންގެ ކަންކަން ހަރުދަނާކުރުމަށް ބޭނުންވާ ވަސީލަތްތައް ހަރުދަނާކުރުން"

ސިފައިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން ސީއެމްބިއުލާންސްގެ ފްލީޓް އިތުރުކުރުމުގެ މަސައްކަތްކުރަމުން ގެންދަވާކަމުގައި ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ. އަދި އަލިފާނުގެ ހާދިސާތައްފަދަ ނުރައްކާތެރި ކަންކަމުން އާންމުން ރައްކާތެރިކުރުމަށް ކުރާ މަސައްކަތް ހަރުދަނާކުރުމަށް އޭރިއާ ކޮމާންޑް ސްޓްރަކްޗާގެ ތެރެއަށް ރަށްތަށް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް ޗީފް ސްޕޯކްސްޕާސަން ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.

"މިހާރު އެނގިވަޑައިގަންނަވާނެ އަލިފާނުގެ ހާދިސާ ހިނގައިގެން ރަށްރަށަށް ދިއުމުގައި އަޅުގަނޑުމެންނަށް ދަތިތަކެއް އެބަކުރިމަތިވޭ. އެހެންވީމަ މުސްތަގުބަލުގައި އެއްގަމުގައިވިޔަސް ކަނޑުގައި ވިޔަސް، މި ޚިދުމަތް ފުޅާކުރުމުގެ މަޤު ތަނަވަސްކުރުމައްޓަކައި އިތުރު ޕްލޭންތައް ހަދަމުން މިދަނީ"

މީގެ އިތުރުން ސިފައިންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ސިފައިނަށް ޕްރޮމޯޝަން ދިނުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށާއި، ޕްރޮމޯޝަން ދޭއިރު، އެންމެ ގާބިލް މީހުންނަކީ ކޮބައިތޯ ބަލައި އައު މަގާމުތަކަށް އެކަށީގެންވާ މީހުން އައްޔަންކުރުމުގެ މަސައްކަތްކުރެވިގެންދާނެކަން ޒަކަރިއްޔާ މަންސޫރު ފާހަގަކުރެއްވިއެވެ.