ކުޅިވަރު

2023ވަނަ އަހަރުގެ އައިއޯއައިޖީގައި ސަރފިންގ ހިމެނުމަށް މަސައްކަތް ކުރަނީ


2023ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސަރފިންގ ހިމަނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަޙުމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
ފޯސީޒަންސް މޯލްޑިވްސް ކުޑަހުރާ ބޭއްވި، ފޯސީޒަންސް މޯލްޑިވްސް ސާރފިން ޗެމްޕިއަންސް ޓްރޮފީ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، ރާޅާއެޅުމަކީ މިހާރު ދިވެހި ޒުވާނުންގެ ތެރޭގައި އެންމެ މަގްބޫލް އެއް ކުޅިވަރުއެވެ. އެގޮތުން މި ކުޅިވަރަކީ ރާއްޖެފަދަ ކަނޑުގެ ސަރަހައްދު ބޮޑު އަދި ސާރފިންގ ޗެނަލްތައް ހުރި ގައުމެއްގައި ތަރައްގީ ކުރެވިދާނެ ކުޅިވަރެއް ކަމަށާއި، ނަމަވެސް ކުޅިވަރު ތަރައްގީ ނުވެ އޮތީ މީގެ ކުރިން މޫދުކުޅިވަރުތައް ތަރައްގީކުރަން ސަރުކާރުން އެދެވޭ މަސައްކަތެއް ކޮށްފައި ނެތުމުން ކަމަށް މަހުލޫފު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިހާރު ރާއްޖޭގައި ބޭރުގެ ރާޅާ އެޅުންތެރިންނަށްވެސް ހުޅުވާލައިގެން ބައިނަލްއަގްވާމީ މުބާރާތްތައް ބާއްވަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން 2023ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާޅާއެޅުން ހިމަނަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ފޯސީޒަންސް މުބާރާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ކުރިއެރުން ލިބިގެންދާނެ ކަމަށާއި، އޭގެ އިތުރަށް މިމުބާރާތަކީ ދިވެހި ރާޅާއެޅުންތެރިންނަށްވެސް، ދުނިޔޭގެ މޮޅެތި ރާޅާއެޅުންތެރިންނާއެކު ތަޖުރިބާ ހޯދަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

މިއަހަރުގެ މުބާރާތުގައި ހަ ރާޅާ އެޅުންތެރިން ވާދަކުރާއިރު މިއީ ފޯސީޒަންސް މޯލްޑިވްސްއިން ސާރފިންގ ޗެމްޕިއަންސް ޓްރޮފީގެ ބާއްވާ ނުވަވަނަ ފަހަރުއެވެ.