ވިޔަފާރި

ބީއެމްއެލްއިން ކެލާގައި އޭޓީއެމްގެ ޙިދުމަތްދޭން ފަށަނީ


އީދު ބަންދަށްފަހު ހއ. ކެލާގައި އޭޓީއެމްގެ ޙިދުމަތްދޭނެކަމަށް ބެންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ ކެލާގައި އޭޓީއެމްގެ ޙިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާކަމަށެވެ. ނަމަވެސް މި އޭޓީއެމްގެ ޚިދުމަތް ދޭން ފެށުމަށް ހަމަޖެހިފައިވަނީ އީދު ބަންދަށް ފަހުކަމަށް ބީއެމްއެލްއިން ބުނެއެވެ.

މި އޭޓީއެމްއާއެކު ހއ. ގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް ދޭ ރަށްތަކުގެ އަދަދު ހަތަރަކަށް އަރާނެކަމަށް އެ ކުންފުނިން ބުނެއެވެ. އޭގެތެރޭގައި ހިނެމެނީ ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫއެވެ.

ކެލާގައި ހުޅުވާ އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. ކެލާގެ އިތުރުން އެއަތޮޅު ބާރަށުގައިވެސް އޭޓީއެމް ޚިދުމަތް ދިނުމަށްޓަކައި ބީއެމްއެލްއިން މަސައްކަތް ކުރަމުން އަންނަކަމަށް ޤައުމީ ބެންކުން ބުނެއެވެ.

މިއަހަރު މިހާތަނަށް ބީއެމްއެލް އިން ވަނީ 5 ރަށެއްގައި ސެލްފް ސަވިސް ބޭންކިންގ ޚިދުމަތް ދޭން ފަށާފައެވެ. މީގެ ތެރޭގައި ރ. އަލިފުށި، ރ. އުނގޫފާރު، ބ. ތުޅާދޫ، ލ. މާވަށް، އަދި ގދ. ގައްދޫ ހިމެނެއެވެ.

ބީއެމްއެލްއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ އޭޓީއެމްގެ އަދަދު މިހާރު ވަނީ ސަތޭކަ އަށަކަށް އަރާފައެވެ.