ވިޔަފާރި

ޕްލާސްޓިކާ ދެކޮޅަށް މަސައްކަތްކުރާ ކުންފުނިތަކަށް ބިޒްނަސް އެކްސްޕޯއިން ޙާއްސަަ ޑިސްކައުންޓެއް


އަންނަމަހު ބާއްވާ ބިޒްނަސް އެކްސްޕޯގައި ބައިވެރިވާ ޕްލާސްޓިކާ ދެކޮޅަށް މަސައްކަތްކުރާ ކުންފުނިތަކަށް 50 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެކަމަށް ބިޒްނަސް އެކްސްޕޯ އިންތިޒާމްކުރާ އޯރކާ މީޑިއާ ގުރޫޕުން ބުނެފިއެވެ.

އޯރކާ މީޑިއާ ގުރޫޕުން ބުނީ މިއީ 2025 ވަނަ އަހަރު އައުމުގެ ކުރިން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ސަރުކާރުން ފަށާފައިވާ ކެންޕެއިނަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށެވެ.

އޯރކާ މީޑިއާ ގްރޫޕުގެ ފަރާތުން ބާއްވާ ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ އޮންނާނީ ސެޕްޓެމްބަރު 29 އަދި 30 ވަނަ ދުވަހު ދަރުބާރުގޭގައެވެ. މި އެކްސްޕޯގެ ބޭނުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާއި ގުޅުން ބަދަހިކުރެވި، ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މި އެކްސްޕޯގައި 4 ސަމިޓެއް ކުރިއަށްދާނެއެވެ. އެއީ މޯލްޑިވްސް ޔަންގް އެންޓަރޕްރެނުއަރސް ސަމިޓް، މޯލްޑިވްސް ވުމަން އެންޓަރޕްރެނުއަރސް ސަމިޓް، މޯލްޑިވްސް ޓެކް ސަމިޓް އަދި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓެވެ.

މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް އެފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އެންމެ އެކަށީގެންވާ މާޙައުލެއްގައި ދައްކާލުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި މި އިވެންޓުގައި ކުރިއަށްދާ ކޮންމެ ސަމިޓަކުންވެސް އެ ދާއިރާއެއްގައި ހުރި ގޮންޖެހުންތަކާއި އެ ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކުގެ ވާހަކަތައް އަޑުއަހާލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.