ޚަބަރު

މީރާގެ ވެރިޔާގެ ދައުރަކީ 5 އަހަރުކަމަށް ކަނޑައަޅަނީ


ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސޭޝަންގެ ދައުރަކީ 5 އަހަރު ކަމަށް ކަނޑައަޅައި ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފިއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާޙް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. ޤާނޫނަށް ހުށަހޅާފައިވާ އިސްލާހުތަކުގެ ތެރެއިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކުރެވޭ މީހެއްގެ މަޤާމުގެ މުއްދަތަކީ، 5 އަހަރު ކަމަށެވެ. މި ދެމަޤާމަށް ބޭފުޅުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާކަމަށް މިއިސްލާހުގައި ބުނެފައިވެއެވެ. އަދި މީރާގެ ބޯޑަށް އައްޔަން ކުރައްވާ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަން ޖެހޭނީ މިނިސްޓަރުގެ ލަފާގެ މަތިން ކަމަށާ، މީރާގެ ބޯޑަށް އައްޔަންކުރައްވާ މެންބަރުންގެ ނަންތައް މަޖިލީހަށް ފޮނުވާއިރު ބޯޑަށް މެންބަރުން ބޭނުންވާ ޢަދަދަށްވުރެ އިތުރަށް ނަން ފޮނުވަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްސޭޝަން ނުވަތަ ޑެޕިއުޓީ ޖެނެރަލް އޮފް ޓެކްސްސޭޝަން އަމިއްލައަށް މަގާމުން ވަކިވާން ބޭނުންވެއްޖެ ހިނދެއްގައި ސިޓީއަކުން އެކަން އެންގުމުން މަގާމުން ވަކި ކުރެއްވޭނެ ކަމަށްވެސް އިސްލާހުގައިވެއެވެ. މިހާރު ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައި މިދެމަގާމަށް ކަނޑައަޅާ މެމްބަރުންނަށް ވަކި މުއްދަތެއް ކަނޑައަޅާފައިނުވާކަން ފާހަގަކޮށްލެވެއެވެ.