ޚަބަރު

އޯއައިސީގެ 42ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ


ކުވޭތުގައި މިއަދު ފެށި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގައި ރާއްޖެއިން އެންމެ އިސްކަމެއްދޭނީ  މެދުއިރުމަތީގެ ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ ހަނގުރާމަތަކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެފިއެވެ.ޕަބްލިކް ސާވިސް މީޑިއާއަށް މަޢުލޫމާތުދެއްވަމުން ޚާރިޖިއްޔާގެ އޮފިޝަލަކު ވިދާޅުވީ، މިބައްދަލުވުމުގައި މިނިސްޓަރ ދުންޔާ ކުރައްވާ ތަގްރީރުގައި، ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތްތަކާއި، އިސްލާމީ މެދުމިނުގެ އުސޫލުތައް ދެމެހެއްޓުމާއި، އިސްލާމީ ގައުމުތަކުގެ އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި މެދު އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާނެކަމަށެވެ.މީގެއިތުރުން މިނިސްޓަރ ދުންޔާ ބައިވެރިވެ ވަޑައިގަންނަވާ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ޓެރަރިޒަމްގެ މައްސަލަ އާއި ފަލަސްތީނުގެ މައްސަލައާއި، ހައްދުފަހަނަޅައި ދިއުމުގެ މައްސަލަތަކާ ބެހޭ ގޮތުންނާއި، އިސްލާމީ ގައުމުތަކަށް ދިމާވާ ދަތިތަކާއި ހުރަސްތައް ނައްތާލުމަށްޓަކައި މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ.ދެދުވަހުގެ މުއްދަތަށް ކުރިއަށްދާ އޯއައިސީގެ ސާޅީސް ދެވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ދިވެހި ވަފްދުގައި ހިމެނި ވަޑައިގަންނަވަނީ، މިނިސްޓާރ ދުންޔާގެ އިތުރުން އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ބާގިރުއެވެ.އޯއައިސީ އަކީ 1969 ވަނަ އަހަރު އުފެދިފަވާ ޖަމިއްޔާއެކެވެ. މިޖަމިއްޔާގައި އިސްލާމީ 57 ގައުމެއް ހިމެނެއެވެ.އެ ޖަމިއްޔާގައި ރާއްޖެ ބައިވެރިވެފައިވަނީ 1976 ވަނަ އަހަރުއެވެ.