ޚަބަރު

ފޮޓޯގްރާފަރުންނާއި ކޭޝިއަރުންނަށްތިބި ބިދޭސީން ފޮނުވާލަނީ


ފޮޓޯގްރަފީގެ މަސައްކަތަށާއި، ކޭޝިއަރުންގެ މަޤާމަށް ގެނެސްފައިވާ ބިދޭސީން އަންނަ ޖޫންމަހުގެ ހަތްވަނަ ދުވަހުގެ ކުރިން ފުރުވާލުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން އަންގައިފިއެވެ.އެ ޑިޕާޓްމަންޓްގެ ފަރާތުން އާއްމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ފޮޓޯގްރަފީގެ މަސައްކަތަށާއި ކޭޝިއަރުންގެ މަޤާމަށް ގެނެސްފައިވާ ބިދޭސީން، 7 ޖޫން 2015 ގެ ކުރިން ރާއްޖެއިން ފުރުވާލުމަށްފަހު، އެ ބިދޭސީންގެ އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލް ކުރުމަށްޓަކައި އިމިގްރޭޝަން ޑިޕާޓްމަންޓަށް ހުށަހެޅުމަށެވެ. އަދި މިގޮތަށް އަމަލުނުކުރާ ފަރާތްތަކާމެދު އެ  ޑިޕާޓްމަންޓުން ފިޔަވަޅު އަޅަމުންދާނޭކަމަށްވެސް އިމިގްރޭޝަނުންކޮށްފައިވާ އިޢުލާންގައި ބުނެފައިވެއެވެ.ހަތެއް ޖޫންގެ ފަހުން ފޮޓޯގްރާފަރުންނާއި ކޭޝިއަރުންގެ މަޤާމުގައި ބިދޭސީން ތިބުމަކީ މަނާކަމެއްކަމަށް ކަނޑައަޅާ، އެފަރާތްތައް ރާއްޖެއިން ފޮނުވާލުމަށް އިކޮނޮމިކް މިނިސްޓްރީންވެސް ވަނީ މުއްދަތުތަކެއް ދީފައެވެ. އަދި އެކި ފަހަރު މަތިން ވިޔަފާރިތައް ބަލާ ފާސްކުރުމުގެ ތެރޭގައި ޤަވާއިދާއި ހިލާފުވެފައިވާ ފަރާތްތަކުގެ ތެރެއިން އަށްޑިހަ ފަސް ފަރާތަކާއިމެދު ފިޔަވަޅު އަޅާފައިވާކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދީ، ދިވެހި ޒުވާނުން ވަޒީފާއަށް ނެރުމުގެ މަޤުސަދުގައި ފޮޓޯގްރަފީގެ މަސައްކަތަށާއި ކޭޝިއަރުންގެ މަޤާމަށް ކޯޓާ ދޫނުކުރުމަށާއި، ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫނުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.